ޚަބަރު

ފަތުރުވެރިކަން އަލުން ކުރިއެރުވުމަށް، އައިޑީޔޫގެ މެންބަރު ޤައުމުތަކުގެ އެހީއަށް އެމްޑީޕީން އެދިއްޖެ


އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ މެންބަރު ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުމުގައި ލުއިދިނުމަށް މަސައްކަތްކޮށްދިނުމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އުފެދުނީއްސުރެ އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ މެންބަރެއްގެ ގޮތުގައި ހިމެނޭ ޕާޓީއެކެވެ. މިރޭ ބޭއްވި އެޖަމާއަތުގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމަށްފަހު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އައިޑީޔޫގެ މެންބަރުޤައުމުތަކުގެ ތެރެއިން ޚާއްސަކޮށް މިވަގުތު ޤައުމުތަކުގެ ސަރުކާރުގައިތިބި ޕާޓީތަކުން ރާއްޖެއަށް އެޤައުމުތަކުން ޓޫރިސްޓުން އައުމުގައި ލުއިދިނުމަށް މަސައްކަތްކުރުމަށް އެމްޑީޕީން އެދިފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި އައިޑީޔޫގެ މެންބަރު ޤައުމުތަކާއެކު ކުރެވުނު މަޝްވަރާތަކުން ރާއްޖެއަށް ފަތުރުވެރިން ފޮނުވުމުގައި ޤައުމުތަކުގެ ސަރުކާރުގައި ތިބި ޕާޓީތައް ހިމެނޭ ޤާއުމުތަކުން އެއްބާރުކުން ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށެވެ.

"މިވަޤުތު އައިޑީޔޫގެ މެންބަރު ޕާޓީތަކުން ސަރުކާރުތަކުގައި މިވަގުތު ތިބި ޤައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އޮސްޓްރިއާ ޖަރމަނީ، ގްރީސް ހަންގޭރީ ނޯވޭ އަދި އިންގިރޭސީވިލާތް ހިމެނޭއިރު، މިވަގުތު އެމެރިކާ ސަރުކާރުގައިވެސް އޮތީ ސެންޓްރައިޑް ޕާޓީއެއް އެހެންވީމަ އިރާދަކުރެއްވިއްޔާ މި ޕާޓީތަކުގެ މެދުގައި ދިވެހިރާއްޖެއާ ގުޅޭގޮތުން މިއަދު ވާހަކަދެކެވުނު. ޤައުމުތަކުން އެއްބަސްވެވަޑައިގެންނެވި އެބޭފުޅުންގެ ފޮރިން ރިލޭޝަންސް ކޮމިޓީއަށް މައްސަލަގެންގޮސް އެއަސްފަހު ހުކުރުދުވަހު މިކަމާ ގުޅޭގޮތުން ގޮތެއް ނިންމައިދިނުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ ބައްދަލުވުންތަކުގައި ބައިވެރިވަމުންދާއިރު ސަރަހައްދީ ޤައުމުތަކުންވެސް އެޖަމާއަތުގައި ބައިވެރިވާކަމަށާއި އޭގެތެރެއިންވެސް ސްރީ ލަންކާއަކީ ފާހަގަކޮއްލެވޭ ޤައުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމެއްކަމަށްވުމުން ވީއެންމެ އަވަހަށް އަލުން ފަތުރުވެރިކަމުގެ ވިޔަފާރު ނުފެށިއްޖެނަމަ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަން ޤައުމުތަކުގެ ސަމާލުކަމަށް ގެންނެވިކަމަށްވެސް ރައިސް ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ފޮރިން ރިލޭޝަން ކޮމިޓީގެ ޗޭއަރޕާސަން، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެކޮމިޓީގެ މެންބަރު ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުރުން އެކޮމިޓީގެ އިތުރު އިސްބޭފުޅުން ބައިވެރިވެވަޑައިގެން ރާއްޖޭގެ ހާލަތުވަނީ އޮޅުންފިލުއްވާ ދެއްވާފައެވެ.