ޚަބަރު

މިދަނޑިވަޅުގައި ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ އެޗްޕީއޭގެ އެންގެވުންތަކާ އެއްގޮތަށް - އީސީ


ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް މިދަނޑިވަޅުގައި ބާއްވާނަމަ ހެލްތު ޕްރޮޓެކްޝަންސް އެޖެންސީން އަންގަވާފައިވާ އެންގެވުންތަކާ އެއްގޮތަށް އެފަދަ ކަންކަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެއްކަމަށާ، ނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިންންކަމަށެވެ.

އެ ކޮމިޝަނުން ވަނީ މިދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީއާ މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، މި ބަލިމަޑުކަމުގެ "ދެވަނަ ރާޅެއް"ގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިޢުލާނުކުރާ ޤަރާރުން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ މަހުގެ 7ވަނަ ދުވަހުގެ ނިޔަަށް އިތުރުކޮށްފައިވާތީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަންސް އެޖެންސީއިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެ ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ މިދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމްވެސް ވަނީ ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ އިންސާނީ ކަރާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ކަމުގައި ވިދާޅުވެފައެވެ.

އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން ރޭވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އިއްޔެ ރާއްޖެއިން ކޯވިޑް-19އަށް 137 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 92 މީހުންނަކީ ދިވެހިންނެވެ. މީ ފުރަބަންދަށްފަހު ލުއިތައް ދިންފަހުން އެންމެ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވް ދުވަހެވެ.