ޚަބަރު

ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ދަނީ ހަޤީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުން - ކަރެކްޝަން


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރަމުންދާ މއ. ކާމިނީހުޅަނގު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފަހަށްޓާކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއްނެތް މައުލޫމާތުތަކެއް ކަމަށް ކަރެކްޝަން އިން ވިދާޅުވެއްޖެއެވެ.

ރައީސް ޔަމީންގެ ޤާނޫނީ ޓީމަށް ރައީސް ޔާމީނާއި ބައްދަލުކުރުމަށް ކަރެކްޝަން އިން ފުރުސަތު ނުދެއްވިކަމަށް ބުނެ ނެރުނު ބަޔާނާއި ގުޅިގެން ކަރެކްޝަނުން މިއަދު ވަނީ މިކަން ސާފުކޮށް ދެއްވައި ބަޔާނެއް ނެރުއްވާފައެވެ. މިބަޔާނުގައި ބަނީ ކޯވިޑް-19 އިގެ ހާލަތާ ގުޅުވައި ޤާނޫނީ ވަކީލުންނާއި، އެހެނިހެން ބައްދަލުވުންތަކަށް އެދި ކަރެކްޝަނަށް އީމެއިލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެބައްދަލުވުމެއް އިންތިޒާމް ކޮށްދެވޭނެ ވާހަކަ ދަންނަވާފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ޤައިދީއަށާއި ގާނޫނީ ވަކީލުންނަށް ދީފައިވާކަމަށެވެ.

"ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައި ވާނެ. ނަމަވެސް، މާލޭ ޖަލުން ދީފައިވާ އިރުޝާދަށް ޢަމަލުނުކޮށް، ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ، އެކަމާމެދު މި ސަރވިސްއިން ކަންބޮޑުވާ ކަމެއް" ކަރެކްޝަންގެ ބަޔާނުގައިވެއެވެ.

ވަކީލު ބައްދަލުވުމާ ގުޅޭ ގޮތުން، ކަރެކްޝަނުން ޤައިދީގެ ޤާނޫނީ ވަކީލުންނަށް 14 ޖުލައި 2020 ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައިވާކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ. އަދި ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މިހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ކަރެކްޝަނަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.