ސިޔާސީ

ނަޝީދުގެ އަނބިކަނބަލުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.ފުލުހުންގެ އިދާރާއަށް ލައިލާ ހާޒިރުކޮށްފައި ވަނީ ރައީސް ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރަން ނިންމި ކަމަށް ބުނެ ކަރެކްޝަންސް ސާވިސް އިން ދިން ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ފެތުރެމުން ދާތީ އެކަން ބަލައި ދިނުމަށް އެދި އެ އިދާރާ އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން މީޑިޔާ އާއި ބައްދަލުކުރައްވާ ލައިލާ ވިދާޅުވީ ފުލުހުން މިރޭ އެކަމަނާއާއި މެދު ޢަމަލުކުރީ ވަރަށްވެސް އަދަބާއި އިހުތިރާމާއި އެކުގައިކަމަށެވެ.ލައިލާގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ ފުލުހުންގެ މަރުކަޒަށް ހާޒިރު ވުމަށްފަހުވެސް ހަމަ ދެއްވާފައި ވާނީ އެކަމަނާ ދިރިއުޅުއްވާ ޔާޤޫތުގެ ބަލައި ފާސްކުރުމަށް ފުލުހުން ދިއުމުން ދީފައި ވާ މަޢުލޫމާތު ކަމަށެވެ. އެގޮތުން ސޯޝަލްމީޑިޔާގައި ދައުރުވާ ސިޓީގެ އަސްލު މިހާރުވަނީ ތަހުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިކަން ފުލުހުންނަށް ދަންނަވާފައި ވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.އެހެންނަމަވެސް، މިދިޔަ ބުދަދުވަހު ފޮރިންގ މިނިސްޓަރ ވަނީ، ރައީސް ނަޝީދުގެ ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައި ނުވާނެކަމަށާއި، އެފަދަ ނިންމެވުމެއް ނިންމެވިކަމުގެ މައުލޫމާތުވެސް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމަށް ވިދާޅުވެފައެވެ.