ޚަބަރު

ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ހުރަހެއް ނާޅަން - ކޮމިޝަނަރ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް އެއްވެސް އިރެއްގައި ހުރަސްއަޅާފައިނުވާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބައްދަލުކުރައްވާ، ޤާނޫނީ ލަފާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ހުރަސް އަޅަމުންދާކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައިވަނީ ޤާނޫނީ ވަކީލުންނާއި ރައީސް ޔާމީން ސީދާ ބައްދަލުކޮށް ޤާނޫނީ އެހީތެރިކަން ހޯދުމަށް މާރިޗުމަހުން ފެށިގެން ކަރެކްޝަނުން ހުރަސް އަޅަމުން ގެންދާކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނަކީ ކަރެކްޝަނުން ދިފައިވާ އިރުޝާދުތަކަށް ޢަމަލުނުކޮށް ހަގީގަތް އޮޅޭ ގޮތަށް ނެރެފައިވާ ބަޔާނެއްކަމަށެވެ. އަދި އެކަން ކުށްވެރިކުރާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ރިޔާއަތްކޮށް ވަކީލުންގެ ބައްދަލުވުމަށް އެދުމުން އެބައްދަލުވުން ހަމަޖައްސައިދޭނެކަން ކަރެކްޝަނުން އިސްވެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށް އަންގާފައިވާކަމަށެވެ. އަދި އެބައްދަލުވުން ހަމަޖެހޭނެކަން ރައީސް ޔާމީންނަށް ލިޔުމުން އަރުވާފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

" މިހާނަތަށް އާއިރު އަޅުގަނޑުމެންނަށް މިބައްދަލުވުންތަކާއި، ލޯޔަރު ބައްދަލުވުމާ އަދި އާއިލީ ބައްދަލުވުން އެދެމުން މިއަންނަނީ އީމެއިލް މެދުވެރިކޮށް. ދެން އެއީ އަޅުގަނޑުމެން މިހާލަތަށް ގެނެސްފައި އޮތް ބަދަލެއް. އެބަދަލުވާނެ އަޅުގަނޑުމެން ޢާންމުކޮށް އިޢުލާންވެސްކޮށްފައި. ދެން މިސިޓީ ހަވާލުކުރެވުނުއިރާ، އެކިފަހަރު ކުރެވުނު މުއާމާލާތްތަކުގެ ދަށުން އެކަމަށް އެދެންވީގޮތް ވަރަށް ސާފުކޮށް ކިޔާދެވިފައިވާނެ. އަދި ޚާއްޞަކޮށް މާލެ ޖަލަށް ވަޑައިގެން އެފޯމް ހަވާލުކުރައްވަން އުޅުއްވީމަވެސް މިކަމުގަ އަމަލުކުރަންވީގޮތުގެ އިރުޝާދު ދެވިފަވާނެ. ނަމަވެސް އެގޮތާ ޚިލާފަށް އެކަން ނުކުރައްވަވާ އެބަޔާން ދެން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިވެސްކުރަން." ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ، އެއްވެސް ޙާލަތެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ހުރަސްއެޅުމާއި ނުވަތަ އެކަން ވިޔަނުދިނުމަށް ނުވަތަ ފުރުޞަތު ހަނިކުރުމަށް މަސައްކަތް ކުރައްވާފައިނުވާކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. މި ހުކުމް ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީން ގެ ފަރާތްޕުޅުން ހުށައެޅުއްވި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން ވަނީ މިމަހުގެ 8 ވަނަދުވަހު ބާއްވާފައެވެ. އެއީ އެންމެ ފަހު އަޑުއެހުމުގެ ގޮތުގައި ކަނޑައަޅާފައި އޮތްނަމަވެސް ރައީސް ޔާމިން ދިފާއީ ވަކީލުންނާ ބައްދަލުކުރެއްވުމަށް ފުރުސަތު ދިނުމަށްފަހު އަދި އެއް އަޑުއެހުން ބާއްވަން ހައިކޯޓުން ވަނީ ނިންމަވާފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ވަނީ ދަޢުވާކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއްނުވެއެވެ.