ވިޔަފާރި

ކުދި ވިޔަފާރިތަކަށް އެސްއެމްއީ ބެންކުން 198 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި


ކޯވިޑް19އާ ގުޅިގެން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސް.ޑީ.އެފް.ސީން މިހާތަނަށް 1427 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 27ވަނަ ދުވަހާއި ހަމައަށް ކޯވިޑް- 19އާ ގުޅިގެން އިޤްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސް.ޑީ.އެފް.ސީން މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެސްޑީއެފްސީއަށް ލޯނަށް އެދި 2983 ފަރާތަކުން ހުށަހަޅާފައިވެއެވެ. މީގެތެރެއިން ލޯން ދިނުމަށް ނިންމާފައިވަނީ 1711 ފަރާތަަކަށެވެ. އެއީ ޖުމްލަ 301 މިލިއަން ރުފިޔާގެ ލޯނެވެ. ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 432 ފަރާތަކަށް ލޯން ހަމަޖެހިފައެއް ނުވެއެވެ.

ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެތެރެއިން ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ލޯން ހަމަޖެހިފައިވަނީ މުދާ ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. އެގޮތުން އެފަދަ 658 ވިޔަފާރިއަކަށް 156.1 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ލޯން ހަމަޖެހިފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން އަމިއްލަ މަސައްކަތް ކުރާ 494 ފަރާތަކަަށް 14.7 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 219 ފަރާތަކަަށް 50.4 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ހަމަޖެހިފައިވާއިރު، އިމާރަތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ 152 ފަރާތަކަށް 40.6 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި އެސްޑީއެފްސީން ލޯން ދޫކުރި ފަރާތްތަކުގެ ތެރެއިން އަންހެނުން ހިންގާ ވިޔަފާރިއަކުން ލޯނަށް އެދި ހުށަހެޅި 683 ފަރާތުގެ ތެރެއިން 456 ފަރާތަކަށް ލޯން ދޫކުރުމަށް ވަނީ ނިންމާފައެވެ. މިއީ ޖުމްލަ 97.6 މިލިއަން ރުފިޔާގެ ލޯނެވެ.

ރިކަވަރީ ލޯން ސްކީމްގެ ދަށުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެސްޑީއެފްސީން ލޯނު ދޫކުރަނީ ކޯވިޑް19 ވިޔަފާރީ އެހީގެ ނަމުގައި ތަޢާރަފްކޮށްފައިވާ ލޯނު ސްކީމްގެ ދަށުންނެވެ.

މި ލޯންތަކަށް 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބުނު ވިޔަފާރިތަކަށް ކުރިމަތިލެވޭނެއެވެ. ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ %6 އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.