ކުޅިވަރު

ޗެލްސީއާ ގުޅުނީ ލަމްޕާޑުގެ ސަބަބުން: ވާނާ


ޗެލްސީ އިޚްތިޔާރުކުރީ އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑުގެ ސަބަބުން ކަމަށް ޓީމާ އަލަށް ގުޅުނު ޖަރުމަނުގެ ފޯވަޑް ޓިމޯ ވާނާ ބުނެފިއެވެ.

ލިވަޕޫލަށް ބަދަލުވާން އުޅެ ނަމަވެސް ފަހު ވަގުތު ޗެލްސީއަށް ބަދަލުވުމަށްފަހު ވާނާ ބުނީ އެ ޓީމުގެ ކޯޗު ލަމްޕާޑާއެކު ވަރަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

"އެމީހުން ކުޅޭ ސިސްޓަމާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަ ދެކެވުނު، އަދި އަހަރެން ކުޅޭ ގޮތާއި އަހަރެން ކުރަންވީ ކަންކަމާމެދު ވެސް ވަރަށް ވާހަކަ ދެކެވުނު. ޗެލްސީ އިޚްތިޔާރުކުރުމުގައި ލަމްޕާޑުގެ ރޯލު ވަރަށް ބޮޑު،" ވާނާ ބުންޏެވެ.

އުމުރުން 23 އަހަރުގެ ޖަރުމަނުގެ ލީޕްޒިގްގެ ކުރީގެ ފޯވަޑް ބުނީ ޗެލްސީ އަކީ އިނގިރޭސި އެންމެ ބޮޑު އެއް ކުލަބު ކަމަށާއި މިފަދަ ޓީމަކަށް ކުޅުމުގެ ފުރުޞަތު ލިބުމަކީ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުން ކަމަށެވެ.

އަދި އޭނާގެ ޅަ ދުވަސްވަރު ޗެލްސީގައި ލަމްޕާޑާއި އައިވަރީ ކޯސްޓްގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ކުޅޭތަން ވަރަށް ގިނައިން ބަލާފައިވާ ކަމަށާއި މި ކުޅުންތެރިން ދެއްކި ކުޅުން ޗެލްސީގައި ޖާޒީގައި އަދާކުރުމަކީ އޭނާ ނުހަނު ބޭނުންވާ ކަމެއް ކަމަށެވެ.

"ޕްރެމިއާ ލީގަކީ ވަރަށް ތަފާތު ލީގެއް. ވަރަށް ފާސްޓް އަދި ވަރަށް ވަރުގަދަ އަށް ކުޅޭ ލީގެއް މިއީ. ޖަރުމަނު ލީގާއި މި ލީގު ތަފާތުވާނެ. އެކަމަކު އަހަރެންނަށް ޔަގީންކަން އެބައޮތް އަހަންނަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް،" ވާނާ ބުންޏެވެ.