ޚަބަރު

ސިޔާސީ ހަރަކާތް ހިންގަންވާނީ އިންސާނީ ކަރާމަތަށް އިސްކަންދީގެން: އަކްރަމް


ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ އިންސާނީ ކަރާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ކަމުގައި އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ކޯވިޑް19ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެ ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ މިދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ސިޔާސީ ޕާޓީތަކުގެ ބަދަލުވެރި ފަރާތް، އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ އިންސާނީ ކަރާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށެވެ.

ސިޔާސީ ހަރަކާތްތައް ހިންގަންޖެހޭ ޤާނޫނު ތަކާއި، ހެދިފައިވާ ޤާނޫނީ އިމުގެ ތެރެއިން ޚިލާފްނުވާނޭގޮތަކަށް ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި އެއްވެސް ބަޔަކު މަގުތަކަށްއެއްވެ ބަލީގެ ނުރައްކާ ބޮޑުވެދާނެގޮތަކަށް އަމަލުތައް ނުބެއްޓެވުމަށް އެޗްޕީއޭއިންވެސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެެވެ.

"ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲގެ އިރާދަފުޅާއިއެކު މި ހާލަތު ރަނގަޅު ކުރުމަށް އެނެމެން އެކުގައި ތެދުވާންޖެހޭ، ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަންވީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލަބައި އިންސާނީ ކަރާމާތާއި ސަލާމަތަށް އިސްކަންދީގެން" އަކްރަމް ވިދާޅުވިއެވެ.

އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން ރޭވެސް ވަނީ އިލްތިމާސްކޮށްފައެވެ. އިއްޔެ ރާއްޖެއިން ކޯވިޑަށް 137 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 92 މީހުންނަކީ ދިވެހިންނެވެ. މީ ފުރަބަންދަށް ލުއިތައް ދިން ފަހުން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ފުރަތަމަ ދުވަހެވެ.