ޚަބަރު

އިންޑިއާގައިތިބި ބަލިމީހުންގެ ޙާލު މިދަނީ، ގާތުން ބަލަމުން - އާސަންދަ


އާސަންދައިގެ އެހީގައި އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްފައިވާ މީހުނާއި އޭގެތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ޙާލަތުވެސް ވަރަށް ގާތުން ބައްލަވަމުންދާކަމަށް އާސަންދައިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވީ ބޭސްފަރުވާއަށް ދިޔަ ދިވެހިންގެ ތެރެއިން އަމްރިތާ ހޮސްޕިޓަލަށް ގެންދިޔަ 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލިމީހަކާއި ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި ގޮސްފައިވާ 2 މީހެއްކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ހޮސްޕިޓަލުގެ އެތެރޭގެއާއި ހޮސްޕިޓަލް ޢިމާރާތް ހުންނަ ސަރަޙައްދުގައި ހުރި އެހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކެއްގައި މީހުން ކަރަންޓީންކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެޑްމިޓްކޮށްފައިވާ ބަލިމީހުން ތިބި ހޮސްޕިޓަލް ޢިމާރާތުގައިކަމަށް އާސަންދައިން ވިދާޅުވެއެވެ.

މަރިޔަމް ޝަފީގް ވިދާޅުވީ އާސަންދައިން އަންނަނީ ހޮސްޕިޓަލްގެ މެނޭޖްމަންޓާ ގުޅައި ބަލި މީހުންގެ ޙާލަތު އޮޅުންފިލުއްވަމުން ކަމަށެވެ. އަދި ޢާއްމުގޮތެއްގައި ހުރިހާ ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށާ، މިފަދަ ބަލިމަޑުކަމެއް ކުރިމަތިވެފައިވާއިރު ދިގުމުއްދަތަކަށް ބޭސްކުރަމުން އަންނަ ބަލި މީހުންނަށް މީގެ ނުރައްކާ ބޮޑުވުމުން އެމީހުންގެ ޙާލަތަށް ބަދަލުތަކެއް އަތުވެދާނެކަމަށް ހޮސްޕިޓަލާ ޙަވާލާދެއްވާ އާސަންދައިން ވިދާޅުވެއެވެ.

އިންޑިއާގައި މިވަގުތުވެސް، ކޯވިޑް-19 ބާރަށް ފެތުރެމުންދާކަން ފާހަގަކުރައްވަމުން މަރިޔަމް ޝަފީގް ވަނީ ހޮސްޕިޓަލުން ބޭރަށް ނުދިއުމަށް ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ހޮސްޕިޓަލުން ބޭރުގައި ހުރި ހޮސްޕިޓަލުގެ އެކޮމިޑޭޝަން ބްލޮކްގައި ތިބި މީހުންވެސް މިވަގުތު އެހެން ތަނަކަށް ބަދަލުވުމުގެ ފުރުސަތު އޮތްނަމަވެސް އެގޮތަށް ޢަމަލުނުކޮށް މަޑުކުރުމަށް އާސަންދައިން އިލްތިމާސްކުރައްވައެވެ. ސަބަބަކީ ހޮސްޕިޓަލުން ބޭރަށް ނުކުމެ އެހެން ތަންތަނަށް ދިޔުމުން ވައިރަހުގެ ނުރައްކާ ބޮޑުވުން އެކަށީގެންވާތީކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ. އަދި ހޮސްޕިޓަލުގައި މަޑުކުރާއިރުވެސް އެކަކު އަނެކަކާ ގައިދުރުކަން ކަށަވަރުކޮށް މާސްކު ބޭނުންކުރުމަށް އާސަންދައިންވަނީ އިލްތިމާސްކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ދިވެހިންނަށް ދެއްވި ޚާއްސަ ހުއްދައާއެކު ކޮންމެހެން ފަރުވާ ހޯދަންޖެހޭ ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމަށް ދިން ފުރުސަތުގައި ދެފަހަރެއްގެމަތިން މިހާރުވަނީ އިންޑިއާއަށް ދިވެހިން ވަނީ ގޮސްފައެވެ. އެގޮތުން އަމްރިތާ ހޮސްޕިޓަލަށާއި އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި އެމީހުންނަށް ފަރުވާ ދެމުން އަންނައިރު މާދަމާ ހެނދުނުގެ ވަގުތެއްގައި ރާއްޖެއިން އިތުރުބެޗެއް އިންޑިއާއަށް ފޮނުވުމުގެ މަސައްކަތްކުރައްވަމުން އަންނަކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ.