މަސްވެރިކަމަކީ ރާއްޖޭގެ މައިގަނޑު ދެ ސިނާޢަތުގެ ތެރެއިން އެއްސިނާޢަތެވެ. މާކަނޑުތަކާ ގުޅިފައިވާ މިދާއިރާގައި ނިންމާ ނިންމުންތަކަކީ ދިރާސީ ހެކީގެ މައްޗަށް ބިނާކޮށް ނިންމޭ ނިންމުންތަކަށް ވުމަކީ ދާއިރާގެ ކުރިއެރުމާ ސީދާ ގުޅިފައިވާކަމެކެވެ.
ރާއްޖޭގެ އިޤްތިޞާދު ބިނާވެގެންވަނީ ކަނޑާ ކަނޑުގެ ދިރުންތަކުގެ މައްޗަށެވެ. މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނައިރު މިގޮތުން ނިންމާ ކޮންމެ ނިންމުމަކީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ނިންމޭ ނިންމުންތަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިމަސައްކަތުގައި ޙަރަކާތްތެރިވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓު މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި ޝާފިޔާ ނަޢީމް ވިދާޅުވީ ކަނޑުގެ ދިރުންތަކާއި ގުޅޭގޮތުން ރާއްޖޭގައި ގިނަ ދިރާސާތަކެއް ކުރަމުން އަންނަކަމަށެވެ.
އޭގެތެރޭގައި މެރިން އިކޯސިސްޓަމް ނުވަތަ ކަނޑުތަކުގެ ދިރާސާތަކުގެ މައްޗަށް އެކުލެވޭ ދިރާސާއާއި ރާއްޖޭގެ ފަރުތަކާއި އެތަންތަނުގެ ދިރުންތަކާއި ގުޅޭ ދިރާސާ އާއި މެރިކަލްޗަރއާ ގުޅުންހުރި ދިރާސާތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމާ ގުޅުންހުރި މުހިއްމު ބާވަތްތަކާއި ކަނޑުތަކުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ ދިރުންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ދިރާސާތައް ކުރަމުން އަންނަކަމަށް ޝާފިޔާ ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުވެސް އެއިންސްޓިޓިއުޓުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަކަން ޝާފިޔާ ފާހަގަކުރެއްވިއެވެ. މިމަސައްކަތް ރާއްޖޭގައި ކުރަމުން އަންނަތާ ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާއިރު އެކަށީގެންވާ ގޮތެއްގައި މަސައްކަތް މިހާރު ފަށައިގަނެވިފައިވާކަމަށް ޝާފިޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ޢާއްމުގޮތެއްގައި ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ކުރަމުން އަންނައިރު މިއީ ދުނިޔޭގެ އެހެން ހިސާބުތަކަށް އަހަރުގެ އެކި ހިސާބު ދަތުރުކުރާ މަހުގެ ބާވަތްތަކެއްކަން ޝާފިޔާ ފާހަގަކުރެއްވިއެވެ. އެއާއެކު މިބާވަތުގެ މަސްވެރިކަން އެންމެ ކާމިޔާބުކަމާއެކު ކުރުމަށް މަހުގެ މައިގްރޭޝަން ދެނެގަތުމަކީ މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ހޯދާ ދިރާސާތަކުގެ ސީދާ މަންފާތައް ކުރާނީ ރާއްޖޭގެ މަސްވެރިކަމަށް. އެކަމުގައި މިދިރާސާތަކުގެ ބޭނުން އެންމެ ބޮޑަށް ކުރަމުން އަންނަނީވެސް." ޝާފިޔާ ވިދާޅުވިއެވެ.
މީގެ ކުރިން ހޯދިފައިނުވިނަމަވެސް ރާއްޖޭގައި ފަހުގެ ތާރީޚުތަކުގައި ހަދާފައިވާ ދިރާސާތަކުން ރާއްޖޭގެ ފަރުމަހުގެ މަސައްކަތަކީ ނަފާލިބޭ ދާއިރާއެއްކަންވަނީ ފާހަގަކުރެވިފައެވެ. އަދި މިއީ އެހެން ސަރަޙައްދުތަކަށް ދަތުރުކޮށް ނޫޅޭ މަހުގެ ބާވަތްތަކަށްވުމުން އެއްތަނަކުން މަސްވެރިކަންކުރާނަމަ ނެތިދިޔުމުގެ ބިރު ފަރުމަހުގެ ދިރުންތަކުގެ ތެރޭގައިވަނީ ބޮޑުވެފައެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރާނެ ގޮތްތަކާއި ސަރަޙައްދުތައް ދެނެގަތުމަށް އެއިންސްޓިޓުޓުން އަންނަނީ ދިރާސާތައް ކުރައްވަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ބޮޑު ބިޔަ މަސައްކަތެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޮޑުވުމާއެކު ދިރާސާ ކުރުމާއި މިސަރަޙައްދުން މަސްވެރިކަންކުރާ ފަރާތްތައް ހުއްޓުވުމަށް ބޭނުންވާ އިންސާނީ ވަޞީލަތް މަދުކަން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ފާހަގަކުރައްވައެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ކަނޑުގެ ވަކި ސަރަޙައްދުތަކެއް ޙިމާޔަތްކޮށް އެތަންތަން މޮނީޓަރކުރެވޭނެ ގޮތްތަކެއް ކަނޑައަޅުއްވާނެ ކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުފަޅުތައް ދެނެގަނެ އެތަންތަނުން ލިބޭ ނަފާ އިތުރުވެގެންދިޔުމަކީ ރާއްޖޭގެ އިޤްތިޞާދަށްވެސް ލިބޭނެ ކުރިއެރުމެކެވެ. މިކަންކަން ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ރަނގަޅު ފެންވަރުގެ ދިރާސާތައް ކުރުމެވެ. އިންސްޓިޓިއުޓަކަށް ބަދަލުވެ ބޭރުގެ ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު ދިރާސާގެ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނައިރު މިކަމުގައި ޢާއްމުންގެ އެއްބާރުލުމަކީވެސް މުހިއްމުކަމެއްކަމަށް އެމްއެމްއާރްއައި ވިދާޅުވެއެވެ. އެގޮތުން އެއިންސްޓިޓުޓުން ކުރައްވަމުންގެންދަވާ ދިރާސާތަކާ ބެހޭ މަޢުލޫމާތު މިހާރަށް ވުރެ ބޮޑަށް ޢާއްމުންނާ ހަމައަށް ގެނެސްދިނުމަކީ މިދާއިރާއަށް ޝައުގުވެރިކަން އިތުރުކުރެވޭނެ ކަމެއްކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓުޓުން ފާހަގަކުރައްވައެވެ.