ޚަބަރު

ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


ރ.ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ކުރުމަށްޓަކައި އެމްޓީސީސީން ވަނީ މިމަހުގެ 26 ވަނަ ދުވަހު އެ މަޝްރޫޢު ކުރިއަށްގެންދާ ސަރަހައްދު ވަކިކޮށްފައެވެ. މި މަޝްރޫޢުއަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ނުވަހާސް ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 377 މީޓަރު ސަރަޙައްދުގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 600 ސްކެއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި މޫރިން ބުއޯއީ ބެހެއްޓުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ 10 ވަނަ ދުވަހުއެވެ. މިމަޝްރޫއަށް 18.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ރަސްމާދޫއަކީ 800 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ.