ދުނިޔޭގެ ވިޔަފާރި

ޗައިނާގައި ހުންނަ ޓެސްލާގެ ފެކްޓަރީތަކުގެ އުފެއްދުންތެރިކަން އިތުރުކުރަނީ


އިލެކްޓްރިކް ކާރު އުފައްދާ އެމެރިކާގެ ޓެސްލާ ކުންފުނިން ޗައިނާގައި ހިންގާ ކާރުހާނާތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޓެސްލާއިން ޗައިނާގައި ހިންގާ ފެކްޓަރީތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެކުންފުނިން ވަނީ ޗައިނާގައި ހިންގާ ފެކްޓަރީތަކަށް އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޗައިނާގެ ވިޔަފާރީގެ މައި މަރުކަޒު ޝަންހާއީގައި މަސައްކަތްކުރާ އެކުންފުނީގެ ޑިޒައިނަރުން އިތުރުކޮށް، ފެކްޓަރީއަށް އިތުރު 1000 މުވައްޒަފުން ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.

ޓެސްލާއިން ޗައިނާގައި ހިންގާ ފެކްޓަރީތަކަށް އިތުރު މުވައްޒަފުން ހޯދަމުންދާއިރު، ޗައިނާ މީހުން ގަޔާވާފަދަ ކާރުތަކެއް އުފެއްދުމަށް "ޑިޒައިން އެންޑް ރީސާޗް" ސެންޓަރެއްވެސް ޗައިނާގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އޮޓޯމޯޓިވް މާކެޓްއަށްވާއިރު، މިދިޔަ އަހަރު މިދިޔަ ކުއާޓަރުގައި ޓެސްލާއިން ވަނީ 30 ހާސް ކާރު ޗައިނާގައި އުފައްދާފައެވެ.

ޓެސްލާއިން ޗައިނާގައި ހިންގާ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްކުރަމުންދާއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ޓެސްލާއަށް ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ. އެމެރިކާގެ ބިލިއަނަރު އިލޯން މަސްކުގެ އިޔާދަކުރަނިވި ހަކަތައާއި އިލެކްޓްރިކް ވެހިކަލް އުފައްދާ ޕަބްލިކް ކުންފުންޏެއްކަމަށްވާ ޓެސްލާގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް ނިމުނު 2 ވަނަ ކުއާޓަރުގައި 6.04 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އަދި ފައިދާގެ ގޮތުގައި އެކުންފުންޏަށް 104 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ޓެސްލާގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރު ފުރަތަމަ 2 ކުއާޓަރުގައިވެސް އެކުންފުނީގެ ވިޔަފާރި ރަނގަޅުއިރު، މިދިޔަ އަހަރުގެ ފަހު 2 ކުއާޓަރުގައިވެސް އެކުންފުންޏަށް ވަނީ ފައިދާވެފައެވެ.

ޓެސްލާގެ ވިޔަފާރި ރަނގަޅުވަމުންދާއިރު، އެކުންފުނީގެ ހިއްސާގެ އަގުވެސް ދަނީ އުފުލެމުންނެވެ. މިއަހަރު ފެށުނުއިރު އެކުންފުނީގެ ހިއްސާއެއްގެ އަގު އުޅުނީ 430 ޑޮލަރުގައެވެ. ނަމަވެސް މިހާރު އެ އަގު އުޅެނީ 1550 ޑޮލަރުގައެވެ. އަނެއްކޮޅުން ޓޮޔޯޓާ ފަހަތަށް ޖައްސާލުމަށްފަހު ޓެސްލާއަކީ މިއަދު ކާރު އުފައްދާ ދުނިޔޭގެ އެންމެ މުއްސަނދި ކުންފުންނެވެ. އެކުންފުނީގެ އަގު އުޅެނީ 300 ބިލިއަން ޑޮލަރުގައެވެ.