ޚަބަރު

ބޯޑަރު ހުޅުވާލިފަހުން ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވި މީހަކު އިމިގްރޭޝަނުން ހުއްޓުވައިފި


ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ސައްޙަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެއައި 40 އަހަރުގެ މީހެއްކަމަށްބުނާ ފިރިހެނަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހުއްޓުވާފައިވާކަމަށެވެ. ނަމަވެސް އޭނާއާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ސަލާމަތީ ބާރުތަކާގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 6 މީހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ޤަވައިދާ ޚިލާފަށް ޤައުމަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ކަސްޓަމްސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގުޅިގެންވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ.

މި ސިސްޓަމްތައް އަޕްގްރޭޑްކޮށް ރާއްޖެ އެތެރެވެ ބޭރުވާ މައި އެއަރޕޯޓްތަކާއި، ކަސްޓަމްސް ޕޯޓުތަކުގައިވެސް ވަނީ ބަހައްޓާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އެމްޕީއެލް ޕޯޓާއި، އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް ވަނީ ސިސްޓަމްތައް އަޕްގްރޭޑްކޮށްފައެވެ.