އަތޮޅުތައް

ވާލުގެ އުނދަގޫ ކުޑަކުރުމަށް އަލްޓްރާސޮނިކް ޑިވައިސް ބޭނުންކުރުން


ވާލުގެ އުނދަގުލުން ސަލާމަތްވުމަށް ބޭނުންކުރާ އަލްޓްރާސޮނިކް ޑިވައިސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރާ ރަށަކަށް ފުވައްމުލަށް ވެގެން ދާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، ކެމިކަލް ބޭނުންނުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ގަހަށް ޖަހާ ބޭހާއި، ގަސްކާނާ އުފެއްދުމުގެ މަޝްރޫޢު އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ދަނޑުވެރިންނާއި ބައްދަލުކުރެއްވުމުން ގިނަ ދަނޑުވެރިން ވަނީ ރަށުގައި ވާލުގެ އުނދަގޫ ބޮޑުމިންވަރާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައެވެ. އެހެންކަމުން މިނިސްޓަރ ވިދާޅުވީ ރަށުން ވާލު އެއްކޮށް ހުސްނުކޮށް، ވާލުގެ އުނދަގުލުން ސަލާމަތްވެވޭނެފަދަ އާލަތްތައް ދުނިޔޭގައި މިހާރު ބޭނުން ކުރާކަމަށާއި ޓެސްޓު ކުރުމުގެ ގޮތުން ރާއްޖޭގައި މިފަދަ އާލާތެއް ފުރަތަމަ ބޭނުން ކުރެވޭ ރަށަކަށް ފުވައްމުލަށް ވެގެން ދާނެކަމަށެވެ.މިނިސްޓަރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ފުވައްމުލަކު އަތޮޅު ކައުންސިލާއި ހަވާލުކުރި އޯގަނިކް ކޮމްޕޯސްޓް އަދި ބަޔޯ ޕެސްޓިސައިޑް އުފެއްދުމުގެ މަޝްރޫޢާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން، ރަށުގައި އުކާލެވޭ ކުނިން ގަސްކާނާ އުފެއްދުމަށާއި، ތިމާވެއްޓާއި، ސިއްޙަތަށް ރައްކާތެރި ގަހަށް ޖަހާ ބޭސް އުފެއްދުމަށް ދަނޑުވެރިން ތަމްރީނު ކުރެވި، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ފުވައްމުލަކުގައި ޤާއިމް ކުރެވިގެން ދާނެކަމަށެވެ. މި މަޝްރޫޢަކީ މިނިސްޓްރީން ހުޅުވާލި ފުރުސަތެއްގެ ދަށުން ފުވައްމުލަކު އަތޮޅު ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލާއި ގުޅިގެން އެކައުންސިލާއި ހަވާލުކުރެވުނު މަޝްރޫޢެކެވެ. މިނިސްޓަރ ޝައިނީ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންގެ މަސައްކަތް ވަނީ ބައްލަވާލައްވާފައެވެ.