ޕާކިސްތާނުގެ 6،000އަށްވުރެ ގިނަ ހަނގުރާމަވެރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާކަމަށް އދން ބުނެފިއެވެ.
އދން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޕާކިސްތާނަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވުމަކީ ދެ ޤައުމަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޕާކިސްތާނުގެ ގިނަ ހަނގުރާމަވެރިން ނިޞްބަތްވަނީ ޕާކިސްތާނުގައި ޙަރަކާތްތެރިވާ ތަހުރީކުއަލްޠާލިބާން ޖަމާޢަތަށްކަމަށެވެ. އެ ޖަމާޢަތަކީ ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޢާންމުންނާ ދެކޮށްޅަށް ޙަމަލާދޭ ޖަމާޢަތެކެވެ. 2014ވަނަ އަހަރު ޕާކިސްތާނުގެ މަދަރުސާއަކަށް ދިން ނުރައްތާތެރި ޙަމަލާގެ ޒިންމާ އެ ޖަމާޢަތުން އުފުލާފައިވެއެވެ.
އދގެ ރިޕޯޓުގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތާ ގުޅުންހުރި ޖަމާޢަތަކާ ތަހްުރީކުއަލްޠާލިބާނާ ގުޅުން އޮންނަކަމަށެވެ. އަދި އެ ޖަމާޢަތުގެ ބައެއް ހަނގުރާމަވެރިން އައިއެސްއާ ގުޅުންހުރި ޖަމާޢަތާ ގުޅެމުންދާކަމަށްވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސްއާ ގުޅުންހުރި ޖަމާޢަތާ ދެކޮޅަށް އެ ޤައުމުގެ ދިފާޢީ ބާރުތަކުންނާއި އެމެރިކާއާއި ނޭޓޯގެ ފައުޖުތަކުންވަނީ ގިނަ ޙަމަލާތަކެއް ދީފައެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ހަނގުރާމަވެރިންގެ ޢަދަދަކީ 2،200ކަމަށް އދގެ ރިޕޯޓުގައިވަނީ އަންދާޒާކޮށްފައެވެ. އެ ޖަމާޢަތުގައި އިސްކޮށް ޙަރަކާތްތެރިވާ މީހުންގެ ޢަދަދު ދަށަށް ގޮސްފައިވާކަމަށާއި އެ ޖަމާޢަތުގެ އިސްވެރިއަކީ ސޫރިޔާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އަލްޚުރުސާނީކަމަށް އދގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ވަރަށް ފަހުން މެދުއިރުމަތިން އަފްޣާނިސްތަނަށް އައިއެސްގެ މަތީ ފަންތީގެ އިސްވެރިންތަކެއްކަމަށްވާ އަބޫ ޤުތައިބާއާއި އަބޫ ހާޖަރު އަލްޢިރާޤީ ދަތުރުކޮށްފައިވާކަމަށްވެސް އދގެ ރިޕޯޓުގައިވަނީ ބުނެފައެވެ. އެ ޖަމާޢަތުން އަފްޣާނިސްތާނުގެ ސަރަޙައްދުތަކުގައި މާބޮޑަށް ޙަރަކާތްތެރި ނުވިނަމަވެސް ނުރައްކާތެރި ޙަމަލާތައް ދިނުމުގެ ޤާބިލުކަން އެ ޖަމާޢަތަށް ލިބިފައިވާކަމަށް އދން ބުނެއެވެ. އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމަށް އެމެރިކާއާއި ޠާލިބަނުންނާ ދެމެދު މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައިވާ އެއްބަސްވުމާމެދު ހިތްހަމަ ނުޖެހޭ ޠާލިބާނުންގެ ހަނގުރާމަވެރިން އައިއެސްއަށް ގެނައުމަށް އެ ޖަމާޢަތުން މަސައްކަތްކުރަމުންދާކަމަށްވެސް އެ ރިޕޯޓުގައި ބުނެއެވެ.
އެމެރިކާއާއި ޠާލިބާނުންނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމު ދޫކޮށް ދާނެއެވެ. އޭގެ ބަދަލުގައި އެއްވެސް ބަޔަކަށް ޙަމަލާ ދިނުމަށް އަފްޣާނިސްތާން ބޭނުންނުކުރުމަށާއި އެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދިނުމަށް ޠާލިބާނުންވަނީ އެއްބަސްވެއެވެ.
އެއްބަސްވުމުގެ ދަށުން އައިއެސްއާ ދެކޮޅަށް މަސައްކަތްކުރުމުގައި ޠާލިބާނުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބެލެވެއެވެ. އަދި ޠާލިބާނަށް ނިޞްބަތްވާ 5،000އަށްވުރެ ގިނަ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ސަރުކާރުން މިނިވަންކޮށް އެ ޖަމާޢަތުން ހައްޔަރުކޮށްފައިވާ 1،000 މީހުން ދޫކޮށްލުމަށްވެސްވަނީ އެއްބަސްވެފައެވެ.