މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި ފަތުރުވެރިޔާއަކީ އެމެރިކާގެ ފަތުރުވެރިއެއް ކަމުގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ ރަފީޤު ވިދާޅުވީ، އިއްޔެ ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ، އެމެރިކާއިން ރާއްޖެއައި އެޤައުމުގެ ފަތުރުވެރިއެއް ކަމަށާއި، އެފަތުރުވެރިޔާއަކީ ޗަވަލް ބްލަންކް ރަންދެލި ރިޒޯޓަށް އައި ފަތުރުވެރިއެއް ކަމަށެވެ. އޭނާ ހުރީ އެ ރިޒޯޓުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޑރ ނަޒްލާ ރަފީޤު ވިދާޅުވީ، އެމީހާ ކޯވިޑް-19އަށް ޓެސްޓްކޮށް ޕޮޒިޓިވްކަން އެނގިފައި ވަނީ ރާއްޖެއަށް ފަތުރުވެރިން އައުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޓެސްޓް ހެދި އިރު ކަމަށާއި އެމީހާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ، އެފަތުރުވެރިޔާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މިއީ ކޯވިޑް-19ގެ ފުރަބަންދަށްފަހު، ޖުލައި 15ގައި ބޯޑަރު ހުޅުވާލި ފަހުން އައި ފަތުރުވެރިންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 3509 މީހުންނެވެ.
މީގެ އިތުރުން ބ އަތޮޅުގައި ރިޒޯޓެއް ތަރައްޤީކުރަމުން އަންނަ ރަށެއް ކަމުގައިވާ ފިނޮޅުންވެސް 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެތިން މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތައް ޓެސްޓްކުރިއިރު ކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ، 3302އަށް އަރާފައެވެ.