ޚަބަރު

"ސިޔާސީގޮތުން ތުހުމަތު ކުރެވުނަސް، ޗައިނާއާއެކު އޮތީ ޒަމާންވީ ވަރުގަދަ ގުޅުމެއް"


ރާއްޖެއާއި ޗައިނާގެ ގުޅުމާ ގުޅޭގޮތުން ސިޔާސީގޮތުން ތުހުމަތުކުރެވުނަސް، ދެޤައުމުގެ ގުޅުމަކީ ޒަމާންވީ ވަރުގަދަ ގުޅުމެއްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ "ޝިންހުއާ" ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން ކުރިމަގުގައިވެސް ޗައިނާއާއެކު ޕްރޮޖެކްޓްތައް ހިންގުމަށް ޝަޢުގުވެރިވާކަން ފާހަގަކޮށްފައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖެއަށް ހެޔޮއެދޭ ތަރައްޤީގެ ބައިވެރިއެއްކަމަށް ވިދާޅުވެފައެވެ، އެގޮތުން ރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ސިނަމާލެ ބްރިޖް ފަދަ މަޝްރޫޢުތަކަކީ ދެ ޤައުމުގެ ގުޅުމުގެ އަލި ގަދަ ރަމްޒެއްކަމަށް މިނިސްޓަރ ޝާހދިު ސިފަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުއޮތް ގުޅުން އިތުރަށް ހަރުދަނާވެ ބަދަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ މިސިޔާސަތަކީ މިސަރަހައްދުގެ ޤައުމުތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާ ސިޔާސަތެއްކަމަށެވެ. އަދި ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މިސިޔާސަތުގެ ސަބަބުން ކުރާނެ ފައިދާ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރުތައް މިމަހުގެ 15ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިން އިތުރުކުރުމަށް ރައްކާތެރި ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ދެޤައުމު ގުޅިގެން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޝިންހުއާ ނިއުސް އެޖެންސީއަށް ޚާއްސަ އިންޓަރވިއުއެއް ދެއްވާފައިވާއި މިވަނީ، މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު މަޝްވަރާތަކެއްވެސް ވަނީ ބާއްވާފައި ވަނިކޮށެވެ. މި ބައްދަލުވުމަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބޭއްވި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ބޯޑަރު ހުޅުވާލުމާއި، ފަތުރުވެރިކަމާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.