ބޯޑަރުހުޅުވާލި ފަހުން ރާއްޖެއަށް އައި ފަތުރުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ ރަފީޤު ވިދާޅުވީ، ޖުލައި 26 ވަނަ ދުވަހު ރާއްޖެއައި އެފަތުރުވެރިޔާ ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ.
އެހެންނަމަވެސް އެމީހާއަކީ ކޮންޤައުމަކަށް ނިސްބަތްވާ މީހެއްކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ.
ޑރ ނަޒްލާ ރަފީޤު ވިދާޅުވީ، އެމީހާ ކޯވިޑް-19އަށް ޓެސްޓްކޮށް ޕޮޒިޓިވްކަން އެނގިފައި ވަނީ ރާއްޖެއަށް ފަތުރުވެރިން އައުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޓެސްޓް ހެދި އިރު ކަމަށާއި އެމީހާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ، އެފަތުރުވެރިޔާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ބ އަތޮޅުގައި ރިޒޯޓެއް ތަރައްޤީކުރަމުން އަންނަ ރަށެއް ކަމުގައިވާ ފިނޮޅުންވެސް 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމުގައި ނަޒްލާ ވިދާޅުވިއެވެ. އެތިން މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތައް ޓެސްޓްކުރި އިރު ކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.
އިއްޔެވެސް ރާއްޖެއިން 50 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.