ރ އިނގުރައިދޫގައި ހޯމްކަރަންޓީންގައި ތިބި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ނަޒްލާ ރަފީޤު ވިދާޅުވީ، އިނގުރައިދޫން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ، ދެ ބިދޭސީންކަމަށެވެ.
އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ޢަބުދުﷲ ހަސަން ވިދާޅުވީ، ކޯވިޑް-19އަށް ޕޮޒިޓިވްވި އެދެމީހުންނަކީ، އެރަށުގެ ފަހާތަނެއްގައި މަސައްކަތް ކުރުމަށް މާލެއިން ގެނެސްފައިވާ ބައެއް ކަމަށެވެ.
އެމީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ، ހޯމް ކަރަންޓީނުގައި 14 ދުވަސް ހަމަވެ ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ހެދުމުންނެވެ. އެދެމީހުންނާއެކު އިތުރު ދިވެހިންވެސް އެދުވަހު އެރަށަށް ދިޔކަމަށާއި އެހެންނަމަވެސް އެ އެންމެންގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށް ޢަބުދުﷲ ހަސަން ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ހާލަތަށް ބަލާއިރު ރަށްރަށަށް ދަތުރު ކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިނިމުނު ހަފްތާގައިވަނީ ބ.ތުޅާދޫ އާއި ހިތާދޫންވެސް ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.