ކުޅިވަރު

ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކުގައި ސިންތެޓިކް ޓްރެކެއް އަޅަނީ


ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކުގައި ސިންތެޓިކް ޓްރެކްއެއް އަޅަން ނިންމައިފިއެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ދަންނަވަމުން ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކުވެނި އައުޓްޑޯ ޓްރެކުގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އީދުބަންދަށްފަހު ސަރުކާރު ހުޅުވުމުން އެކަމުގެ ރަސްމީ މަސައްކަތް ފަށާނެކަމަށެވެ.

އެކުވެނި ދުވާ ޓްރެކް މިހާރުވެސް ވަނީ މަރާމާތުކުރުމަށް ބަންދުކޮށްފައެވެ. މިހާރު ޓްރެކުގައި ކުރިއަށްދަނީ އެތަނުގެ ފަސްގަނޑު 1 ފޫޓަށް ކޮނެ އަލުން ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތެވެ. 25 ދުވަހުގެ ތެރޭގައި މަސައްކަތް ނިންނުމަށް މިދިޔަމަހު ޓްރެކް ބަންދުކުރިނަމަވެސް އަލުން އެތަން ސިންތެޓިކް ޓްރެކް އަކަށް ތަރައްގީކުރުމަށް ނިންމުމުން، އަލުން އާންމުންނަށް އެތަން ބޭނުންކުރުމަށް ހުޅުވާލާނެ ތާރީޚު ފަސްވެގެންދާނެއެވެ.

ޓްރެކުގައި އަޑިވަޅުގަނޑުހެދުމުގެ ސަބަބުން ދުވާމީހުންނާއި ކަސްރަތުކުރާ މީހުންގެ ކަންބޮޑުވުންތަށް ގިނަވެފައިވަނިކޮށް އެތަން މަރާމާތުކުރަން ޔޫތް މިިނިސްޓްރީއިން އެތަން ބަންދުކޮށް މަސައްކަތްފެށީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ. މިއީ 1996 ވަނަ އަހަރުގެ ފަހުން ޓްރެކު އަލުން މަރާމާތުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.