ތަޢުލީމު

3 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ސެޕްޓެމްބަރު 1 ގައި


އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ 3ވަނަ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސްގައި ކުރީ އަހަރުތަކާއި ޚިލާފަށް ބޭރުގެ ތަޖުރިބާ ވަރަށް ބޮޑަށް ހިއްސާ ކުރެވޭނެކަމަށާއި، އެގޮތުން މިފަހަރުގެ ކޮންފަރެންސް ރޭވިގެންދާނީ ޔުނިވަރސިޓީ ސައިންސް މެލޭޝިއާއާ ގުޅިގެންކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އާދަމް ޝަރީފް ވިދާޅުވީ، ތައުލީމީ ގޮތުން ޓީޗަރުން ބާރުވެރިކުރުވައި އެފަރާތްތަކަކީ އަހުލުވެރި ބަޔަކަށް ހެދުމައްޓަކައި، ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް ބޭނުންވާ ތަފާތު ދިރާސާތައް ހެދުމަމަކީ މިކޮންފަރެންސްގެ މައިގަނޑު އަމާޒުކަމަށެވެ. އަދި އެދިރާސާތައް އާންމުންގެ މެދުގައި ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ތައްޔާރުކުރުމުގެ ނިޔަތުގައި ބާއްވާ މިކޮންފަރެންސްގައި އޭޝިއާ ބައްރުގައި ހިމެނޭ ސްރީލަންކާ އިންޑިއާ ޕާކިސްތާން ނޭޕާލް އަދި މެލޭޝިއާ ފަދަ ޤައުމުތަކުގެ ތައުލީމީ ކަންތައްތައް، ކަމުގެ ތަޖުރިބާކާރުން މެދުވެރިކޮށް ރާއްޖޭގެ ޓީޗަރުންނާއެކު ހިއްސާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.މިފަހަރުގެ ޓިޗާސް ކޮންފަރެންސްގައި އިންކްލޫސިވް އެޑިއުކޭޝަނަށްވެސް ވަރަށް ބޮޑު އިސްކަމެއް ދެވިގެންދާނެކަން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ނާހީދު މުހައްމަދު ފާހަގަކުރެއްވިއެވެ.ރާއްޖޭގެ ސައްބީސް ފަރާތަކުން ހަދާފައިވާ ރިސާޗްތަކާއި، ބޭރުގެ އެގާރަ ރިސަރޗެއް މިފަހަރުގެ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ހިއްސާކުރެވިގެންދާއިރު، މީގެތެރޭގައި ރައްރަށުގެ ޓީޗަރުންނާއި، އެން.އައި.އީގެ މުއައްޒަފުންގެ ތެރެއިން އިސްނަންގަވައިގެން ރިސަރޗް ހެއްދެވި ފަރާތަތްވެސް ހިމެނެއެވެ. އެން.އައި.އީގެ ބައެއް ފަރާތްތަކުން މިބައްދަލުވުމުގައި އެފަރާތްތަކުގެ ރިސާޗްތަކާބެހޭ ތައާރަފެއްވެސް ވަނީ ދެއްވާފައެވެ.ސެޕްޓޭމްބަރ 1ން 2ށް ބަނޑޮހުގައި ބާއްވާ ތިންވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރއެއްގެ ގޮތުގައި ދިޓީވީ ކަނޑައަޅައި އެއްބަސްވުމެއްގައި ނޭޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިއުކޭޝަނާއެކު މިހާރުވަނީ ސޮއިކޮށްފައެވެ. މިފަހަރުގެ ކޮންފަރެންސްގައި 200 ފަރާތަކުން ބައިވެރިވާއިރު، މީގެތެރޭގައި ޓީޗަރުންނާއި ޕްރިންސިޕަލުން އެފަރާތްތަކުގެ ތަޖުރިބާތައް ހިއްސާކުރުމާއި، އައި.ސީ.ޓިފަދަ އެކި ތަޖުރިބާތައް ހިއްސާކުރުމުގެ ސެޝަންތަކެއް ނަގައިދެވޭނެކަމަށް އެން.އައި.އީން ބުނެއެވެ.އިންޓަރ ނޭޝަނަލް ޓީޗާރސް ކޮންފަރެންސް ތިންވަނަ ފަހަރަށް ބާއްވާއިރު، ރާއްޖޭގެ މުދައްރިސުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް އަށަގަންނަމުންދާކަމަށް ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.