ކުޅިވަރު

ޗެމްޕިއަންކަން ޔުވެންޓަސް އަށް، ތަށި ޙާއްސަވަނީ ސަޕޯޓަރުންނަށް: ރޮނާލްޑޯ


އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަނަ ފަހަރަށް ޔުވެންޓަސް ހޯދައިފިއެވެ.

ރެކޯޑް އަދަދެއް ކަމަށްވާ ނުވަވަނަ ފަހަރަށް އެކުލަބަށް ތަށި ކަށަވަރުވީ ރޭ ސެމްޕްޑޯރިއާ އަތުން 2-0 އިން މޮޅުވުމުންނެވެ. މެޗުގައި ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާނާޑެޝީއެވެ. ޔުވެންޓަސްއަށް 83 ޕޮއިންޓް ލިބިފައިވާއިރު އެންމެ ގާތުން ވާދަކުރާ އިންޓަމިލާނަށް ލިބިފައިވަނީ 76 ޕޮއިންޓެވެ.

މެޗަށް ފަހު ރޮނާލްޑޯ ބުނީ ތަށި ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި އޭނާ ހުރެގެން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ތަށި ލިބުމުން ވަކިން އުފާވެއްޖެ ކަމަށެވެ.

"މި ތަށި ހާއްސަވަނީ ސަޕޯޓަރުންނަށް. ހާއްސަކޮށް ކޮވިޑް19ގެ ސަބަބުން ދަނޑަށް ނާދެވި ގޭގައި ތިބި އަހަރުމެންގެ ސަޕޯޓަރުންނަށް. އެމީހުންގެ ހިތްވަރަކީ އަހަރުމެންގެ ހިތްވަރު. އެމީހުންގެ ފޯރިއާއި ޖޯޝަކީ އަހަރުމެންގެ ފޯރިއާއީ ޖޯޝް ގަދަކޮށްދޭ ކަމަށް. މި ތަށި ލިބުމަކީ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް،" ރޮނާލްޑޯ ބުންޏެވެ.

ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނީ މި ތަށި ވަރަށް ހާއްސަ ކަމަށާއި ހާއްސަކޮށް ރެކޯޑް ފަހަރަކަށް ތަށި ހޯދަން ކުޅުންތެރިން ވަރަށް މަސައްކަތްކުރި ކަމަށެވެ. އަދި ޔުވެންޓަސްއަށް މިކަން ވިޔަނުދޭން ބޭނުންވި ކުލަބުތައް ވަރަށް ގިނަ ކަމަށާއި ނަމަވެސް ތަށި ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ.

ތަށި ލިބުނު ނަމަވެސް ކޯޗުކަމުގައި އަންނަ ސީޒަނުގައި މައުރީސިއޯ ސަރީ ނުބަހައްޓާނެ ކަމަށް އިޓަލީގެ މީޑިޔާތަކުން އަންނަނީ ބުނަމުންނެވެ. ސަބަބަކީ ކުޅުންތެރިންނާއި އޭނާގެ ގުޅުން ރަނގަޅު ނުވުމެވެ.