ކުޅިވަރު

ރަންބޫޓު ވާޑީ އަށް، މޮޅު ކީޕަރަށް އެޑަސަން


ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ލެސްޓާ ސިޓީގެ ފޯވަޑް ޖެމީ ވަޑީ ހޯދައިފިއެވެ.

އަދި އެންމެ މޮޅު ކީޕަރުގެ އެވޯޑް މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން ހޯދައިފިއެވެ.

ވާޑީ ރަންބޫޓު ގެންދިޔައީ 23 ގޯލު ޖަހައިގެންނެވެ. އަދި އޭނާ ވެފައިވަނީ ޕްރެމިއާ ލީގުގެ ރަންބޫޓު ހޯދި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. އޭނާގެ އުމުރަކީ 33 އަހަރެވެ.
ވާޑީ އަކީ މި އެވޯޑް ހޯދި އިނގިރޭސި ނުވަ ވަނަ ކުޅުންތެރިޔާއެވެ. މިފަހަރުގެ ރަންބޫޓަށް އޭނާގެ ފަހަތުން އެންމެ ބޮޑަށް ވާދަ ސައުތެމްޓަނުގެ ފޯވަޑް ޑެނީ އިންގްސް އާއި އާސެނަލްގެ ފޯވަޑް ޕެޓްރިކް އަބަމިޔަންގެވެ. މި ދެ ކުޅުންތެރިން ވެސް ޖެހީ 22 ގޯލެވެ.

އެއްވަނަ ކީޕަރުކަން ސިޓީގެ ބްރެޒިލްގެ ކީޕަރު އެޑަސަން އަށް ލިބުނީ ގޯލަށް ބޯޓަ ނުވައްދައި އެންމެ ގިނަ މެޗު ހަމަކުރީ އޭނާ ކަމަށްވުމުންނެވެ. އޭނާ ވަނީ ބޯޅަ ގޯލަށް ނުވައްދައި 16 މެޗު ފުރިހަމަކޮށްފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ ބާންލޭގެ ކީޕަރު ނިކް ޕޯޕެވެ.