ތަޢުލީމު

އައި.ޔޫ.އެމްގެ އޯޕަން ޑޭ މާދަމާ، މިފަހަރު ކުރިއަށްދާނީ ވަރޗުއަލްކޮށް


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމްގެ ސެޕްޓެމްބަރ އިންޓޭކާގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ އޯޕަން ޑޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށްކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.

އައި.ޔޫ.އެމްގެ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކާގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބާއްވާ އޯޕަން ޑޭ އޮންނާނީ މާދަމާއެވެ. އޯޕަން ޑޭގެ ހަރަކާތާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައި.ޔޫ.އެމްގެ ރަޖިސްޓްރަރ އަޙްމަދު ރަޢޫފް ޢަބްދުﷲ ވިދާޅުވީ، އެ ޔުނިވަރސިޓީގެ ކުރިއަށްއޮތް ސެމިސްޓަރގައި މައިގަނޑު 9 ދާއިރާއަކުން ޖުމްލަ 53 ކޯހަކަށް ކުރިމަތިލާން ހުޅުވާލާފައިވާކަމަށެވެ. އަދި މި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަޢޫފް ވިދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށްކަމަށެވެ. އަދި މި ހަރަކާތުގައި އެ ޔުނިވަރސިޓީގެ ކޯސްތަކާގުޅޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ކޯސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ބައިވެރިވެވޭނެކަމަށާއި، ކޯސްތަކާއި، ރަޖިސްޓްރޭޝަންގެ ކަންކަމާއި އަދި ޔުނިވަރސިޓީގެ ފެސިލިޓީތަކާގުޅޭގޮތުން ސުވާލެއްއޮތްނަމަ އެކަންކަން އޮޅުން ފިލުވުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށެވެ.

"ކޯސްތަކަށް ހުޅުވާލުމާއެކު ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ވައިބަރ ގްރޫޕުގައި މި ކޯސްތަކާއި ގުޅޭ މަޢުލޫމާތުތައް އަޅުގަނޑުމެން މިދަނީ ފޯރުކޮށްދެމުން. ކޯސްތަކާގުޅޭ މަޢުލޫމާތުދިނުމަށް އަޅުގަނޑުމެން އަބަދުވެސް އޯޕަން ޑޭއެއް ބާއްވަން. މިއީ ދަރިވަރުންނަށް ފަހި ފުރުޞަތެއް ލިބިގެންދާ ދުވަހެއް. އެއްވެސްކަމެއް އޮޅުން ފިލުވާލަން ބޭނުންވާނަމަ ސީދާއެކަމަކާގުޅޭ ބޭފުޅަކާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދޭ. ނަމަވެސް ކޯވިޑް-19ގެ މި ހާލަތާއި ގުޅިގެން ފިޒިކަލީ އެފަދަ ހަރަކާތެއް ނެތް ބޭއްވޭކަށް. އެހެންވީމަ އޯޕަން ޑޭވެސް މިފަހަރު ބޭއްވިގެންދާނީ ވަރޗުއަލްކޮށް. މި ހަރަކާތުގައި ކޯސްތަކާގުޅޭ މަޢުލޫމާތު ސާފުކުރަން ބޭނުންވާ ކުދިންނަށް ޒޫމްމެދުވެރިކޮށް ޖޮއިންކޮށްގެން ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލަދޭނަން." އަޙްމަދު ރަޢޫފް ޢަބްދުﷲ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ސެޕްޓެމްބަރު މަހު ފެށުމަށް ތައްޔާރުވާ ކޯސްތަކުގެ ތެރޭގައި، މާސްޓާސް ލެވެލްގެ 9 ކޯހާއަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ 3 ކޯހަކާއި، ބެޗެލާސް ލެވެލްގެ 11 ކޯހަކާއި، ޑިޕްލޮމާ ލެވެލްގެ 10 ކޯހެއްގެ އިތުރުން ސެޓިފިކެޓް ލެވެލްގެ 19 ކޯހެއް ހިމެނެއެވެ. މީގެ ތެރޭގައި ޤުރުޢާން، ފިޤުހު، އިސްލާމިކް ސްޓަޑީޒް، ޝަރިޢާ އެންޑް ލޯ، އެޑިއުކޭޝަން، ޖަރނަލިޒަމް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ފައިނޭންސް އަދި ބަހުގެ ދާއިރާއާއި ގުޅުންހުރި ކޯސްތައް ހިމެނޭނެކަމަށް އައި.ޔޫ.އެމްއިން ވިދާޅުވެއެވެ.

އައި.ޔޫ.އެމްގެ މިހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް މާލޭ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި، ލ. ފޮނަދޫއާއި، ޅ. ނައިފަރު އަދި ހދ. ހަނިމާދޫ އައި.ޔޫ.އެމްގެ ކެމްޕަސްތަކުންވެސް ކުރިމަތިލުމުގެ ފުރުޞަތު އެ ޔުނިވަރސިޓީން ވަނީ ހުޅުވާލާފައެވެ. ކޯސްތަކުގެ ރަޖިސްޓްރޭޝަންގެ ކަންކަންވެސް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް އައި.ޔޫ.އެމްއިން ވަނީ ނިންމާފައެވެ. އަދި ކޯވިޑް-19 ގެ ޙާލަތު ބަދަލުނުވާނަމަ، ކޯސްތައްވެސް ކުރިއަށްދާނީ އޮންލައިންކޮށްކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.