ކުޅިވަރު

ލެސްޓާ ކަޓައި ޗެމްޕިއަންސް ލީގަށް ޔުނައިޓެޑާއި ޗެލްސީ


ލެސްޓާ ސިޓީ ކަޓާއި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފަހު ޖާގަ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ހޯދައިފިއެވެ.

މިކަން ޔަގީންވީ ޕްރެމިއާ ލީގުގެ ފަހު މެޗުތަކުގައި ރޭ ލެސްޓާ އަތުން ޔުނައިޓެޑް 2-0 އިން މޮޅުވުމުންނެވެ. މި މޮޅާއެކު ޗެމްޕިއަން ލިވަޕޫލާއި ދެ ވަނަ ހޯދި މެންޗެސްޓާ ސިޓީގެ ފަހަތުން ތިން ވަނަ ލިބުނީ ޔުނައިޓެޑަށެވެ. ހަތަރު ވަނައަށް ޗެލްސީ ދިޔައިރު ފަސް ވަނައާއެކު ލެސްޓާއަށް ކުޅެންޖެހޭނީ ޔޫރޮޕާ ލީގެވެ.

މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ޓޮޓެންހަމް ވެސް ވަނީ ޔޫރޮޕާ ލީގުން ފުރުސަތު ހޯދައިފައެވެ. އެ މަގާމަށް ވާދަކުރި ވުލްވްސް އަށް ފުރުސަތު ގެއްލުނީ ޗެލްސީ އަތުން ބަލިވުމުންނެވެ.

ޕްރެމިއާ ލީގުގެ ސީޒަން ރޭ ނިމިގެންދިޔައިރު ރެލިގޭޓްވީ ނޯވިޗް ސިޓީ އާއި ބޯނެމައުތް އަދި ވަޓްފޯޑެވެ. ރެލިގޭޝަނުން ސަލާމަތްވީ ރޭ ވެސްޓްހޭމާ ވާދަކޮށް 1-1އިން އެއްވަރުވި އެސްޓަންވިލާއެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ސޯލްޝެއާ ބުނީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުމަކީ ޓީމު އިތުރަށް ވަރުގަދަ ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި މިއީ ޔުނައިޓެޑަށް މޮޅު ކުޅުންތެރިން ގެނައުމަށްވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.

ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ޗެމްޕިއަންސް ލީގުގެ ފުރުސަތު އޭނާގެ ޓީމަށް ގެއްލުނީ އަމިއްލަ އަށް ހެދުނު ގިނަ ގޯސްތަކުން ކަމަށާއި ހާއްސަކޮށް އެންމެ ފަހުން ކުޅުނު އަށް މެޗުގައި އޭނާގެ ޓީމުން ގެއްލުވާލި ޕޮއިންޓްތަކަކީ ގަދަ ހަތަރަކުން ބޭރުވާން ޖެހުނު މައިގަނޑު ސަބަބު ކަމަށެވެ.