ވިޔަފާރި

އެއާރޕޯޓާއި، ޕޯޓު ތަރައްޤީކޮށް 2 އަހަރުތެރޭ ނިންމާނަން - ރައީސް


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓާއި، މާލޭގެ ވިޔަފާރި ބަނދަރު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީކޮށް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމިން ވިދާޅުވީ، ރާއްޖެ އެތެރެކުރެވޭ މުދަލުގެ ނިސްބަތް ދަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށާއި، ނަމަވެސް މާލޭގައި ބިން ލިބެން ހުރި ނިސްބަތަށް ބަލާނަމަ، ވިޔަފާރި ބަނދަރު އިތުރަށް ބޮޑުކުރާނެ ނުވަތަ އިތުރު ބަނދަރެއް މާލޭގައި ހަދާނެ ޖާގައެއް މިހާރު ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބަނދަރުގެ އިތުރުން އެއަރޕޯޓަށް ބަލާނަމަވެސް، އެތަން ފެނިގެންދަނީ ތޮއްޖެހިފައިވާ ތަނެއްގެ ގޮތުގައި ކަމަށާއި، އެއަރޕޯޓް އިތުރަށް ތަރައްޤީކުރެވިގެން ދާނީ 6 މިލިއިން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމިގެންދާނެ ކަމަށާއި، އެއާރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއެކު، މާލޭ ސަރަހައްދުގައި އިތުރު ބަނދަރެއްވެސް ތަރައްޤީކުރެވިގެންދާނެކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ، މި ދެމަޝްރޫޢާއެކު ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށާއި، އިޤްތިޞާދީގޮތުން ރާއްޖެ ކުރިއެރުވުމަށް މި ދެމަޝްރޫޢުއަކީވެސް ނުހަނު ބޭނުންތެރި ދެމަޝްރޫޢުކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، ސަރުކާރުން ހިންގަވާ މިފަދަ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށްދާކަމުގެ ކުލަތައް މިހާރުވެސް ފެންނަން ފަށާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.