ޚަބަރު

ޞިއްޙީ ދާއިރާއަށް އަމާޒުކޮށް ދުވާލަކު ހަތަރު ހަމަލާ


ޣައްޒާއާއީ ޔޫކްރެއިން ހިމެނޭ ގޮތަށް ހަނގުރާމައާއި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަޙައްދުތަކުގައި ޞިއްޙީ މަރުކަޒުތަކަށާއި މަަސައްކަތްތެރިންނަށާއި ބަލިމީހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ޞިއްޙީ މަރުކަޒުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަންސްގެ ދަށުން ހިމާޔަތް ލިބޭ ތަންތަނެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ ޞިއްޙީ ދާއިރާއަށް އަމާޒުކޮށް ދުވާލަކު އެވަރެޖުކޮށް ހަތަރު ހަމަލާ ދޭ ކަމަށެވެ. މި އަހަރުގެ ޖަނަވަރީ މަހާއި އޮގަސްޓު މަހާ ދެމެދު 900އަށްވުރެ ގިނަ ހަމަލަާ ދީފައިވާ ކަމަށާއި، އޭގެ ސަބަބުން 900އަށްވުރެ ގިނަ މީހުން މަރުވެ، 1،400އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

ޑަބްލިޔުއެޗްއޯއިން އެއްކޮށްފައިވާ މަޢުލޫމާތު ޖެނީވާގައި ހުށަހަޅުއްވަމުން އެ ޖަމްޢިއްޔާގެ ޑިރެކްޓަރެއް ކަމަށްވާ އަލްޠަފް މުސާނީ ވިދާޅުވީ ޞިއްޙީ ދާއިރާއަށް އަމާޒުކޮށް އެންމެ ގިނަ ހަމަލާތައް ދީފައި ވަނީ ޔޫކްރެއިންއާއި ލުބުނާންއާއި ފަލަސްޠީނަށް ކަމަށެވެ. އޭގެ އިތުރުން އީރާންއާއި ސޫދާންއާއި މިޔަންމާއާއި ސޫރިޔާއާއި ނައިޖީރިޔާއާއި ކޮންގޯގައި ވެސް ހަމަލާތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުސާނީ ވިދާޅުވީ މިހާރު ފެންނަމުން ދަނީ އެކި ގޮތްގޮތަށް ހިންގަމުންދާ ޢުދުވާންތައް ކަމަށެވެ. އޭގެ ތެރޭގައި ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާތައް ދިނުމާއި ޞިއްޙީ މަރުކަޒުތައް ސުންނާފަތި ކުރުމާއި ޞިއްޙީ ޚިދުމަތްތެރިންނާއި ބަލި މީހުން ބަންދުކުރުމާއި ވަގަށް ނެގުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު ފެށުނީއްސުރެ މިހާތަނަށް 94 ޞިއްޙީ ޚިދުމަތްތެރިން ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ވެސް 36 ހަސްފަތާލަކަށް ގެއްލުން ދީފައިވާ ކަމަށާއި، މިހާރު ކޮންމެވެސް ވަރަކަށް ޚިދުމަތް ދެވެނީ އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހަސްފަތާލުން ކަމަށް މުސާނީ ފާހަގަކުރެއްްވިއެވެ. ސޫދާންގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ 37 އިންސައްތަ ހަމަލާތަކުގެ ސަބަބުން މި އަހަރު ބޭނުން ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑަބްލިޔުއެޗްއޯއިން ބުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ވެސް ޔޫކްރެއިންގެ ޞިއްޙީ މަޒުކަޒުތަކަށް އަމާޒުކޮށް 3،100އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އެންމެ ފަހުން ދީފައިވާ ހަމަލާތަކުގެ ތެރޭގައި ޑަބްލިޔުއެޗްއޯގެ ގުދަނަކަށް ދީފައިވާ ހަމަލާއެއް ވެސް ހިމެނެއެވެ. މި ފަދަ ހަމަލާތަކުގެ ސަބަބުން އެތައް ބަލި މީހަކު ބޭނުންވާ ފަރުވާއިން މަހުރޫމު ވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސޫރިޔާގެ ހުޅަނގުއުތުރުގައި ދީފައިވާ 69 ހަމަލާއަކާ ގުޅޭގޮތުން ޑަބްލިޔުއެޗްއޯއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަމަލާ ދިނުމާއެކު ޞިއްޙީ މަޒުކަޒުގައި ޚިދުމަތްދެވޭ ބަލިމީހުންގެ ޢަދަދު 51 އިންސައްތައިން މަދުވެއެވެ. އަދި އެއަށްފަހު މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ދެވޭ މީހުންގެ ޢަދަދު ދަށްކޮށް ހުންނަ ކަމަށް ދިރާސާއިން ދައްކާފައިވެއެވެ.

ބަލިތައް އާންމުވެ ފެތުރެން ފެށުމުން ހަމަލާތަކުގެ ސަބަބުން އެންމެ އެދެވޭ ގޮތަށް އެ ޙާލަތަށް އިޖާބަ ނުދެވޭ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ކޮންގޯގައި އިބޯލާ ފެތުރެމުންދާ ކަމަށް އިޢުލާނުކުރި ފަހުން ވެސް އެ ޤައުމުގެ ޞިއްޙީ މަރުކަޒުތަކަށް އަމާޒުކޮށް 12 ހަމަލާ ދީފައިވާ ކަން ކަށަވަރު ކުރެވޭ ކަމަށް މުސާނީ ވިދާޅުވިއެވެ. އޭގެ ސަބަބުން ބަލި ޖެހިފައިވާ މީހުންގެ ކަންކަން ބެލެހެއްޓުމާއި، ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވެފައިވާ މީހުން ދެނެގަތުމަށާއި ފަރުވާ ދިނުމާއި ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކަށް ބުރޫ އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ކަންތައްތައް މެދުވެރިވުމުން ބަލިމަޑުކަން އިތުރަށް ފެތުރުން ހުއްޓުވަން ވަރަށް ބޮޑަށް ދަތިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫކްރެއިންއަށް އަލިއަޅުވައިލައްވަމުން މުސާނީ ވިދާޅުވީ ހަނގުރާމަ ފެށި ފަހުން ޔޫކްރެއިންއަށް ދީފައިވާ 3،100 ހަމަލާގެ ތެރެެއިން މި އަހަރު އެ ޤައުމަށް ދީފައިވާ ކަމަށް ކަށަވަރުވާ 156 ހަމަލާގެ ސަބަބުން ހަސްފަތާލުތަކާއި އެމްބިއުލެންސްއާއި ގުުދަންތަކާއި ޞިއްޙީ ސާމާނު ފޯރުކޮށްދޭ ސަޕްލައި ޗޭނުތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

މުސާނީ އިތުރަށް ވިދާޅުވީ ޞިއްޙީ ދާއިރާއަށް އަމާޒުކޮށް ދޭ ހަމަލާތައް 2018ވަނަ އަހަރުން ފެށިގެން ޑަބްލިޔުއެޗްއޯއިން ގާތުން ބަލައި ރެކޯޑުކުރަން ފެށިފަހުން މިހާތަނަށް 10،400އަށް ވުރެ ގިނަ ހަމަލާ 29 ޤައުމެއްގައި ދީފައިވާ ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން 5،700 މީހުން މަރުވެ 8،500އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ހަމަލާއެއްގެ ތެރެއިން އެންމެ ހަމަލާއެއްގައި ވެސް ކުށްވެރިވާ ފަރާތް ޒިންމާދާރު ކުރުވުމަށް އެއްވެސް މަރުހަލާއެއް ފެށިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.