ޚަބަރު

ކޯވިޑް-19 : މާލޭގައި ކަރަންޓީނުން ދޫކޮށްލާ މީހުންގެ ސާމްޕަލް ނެގުން މާދަމާއިން ފެށިގެން މާފަންނު މަދަރުސާގައި


މާލޭގައި ބަލިޖެހޭ މީހުންނާ ދިމާވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިންނަގާ ރިލީސް ސާމްޕަލްނެގުން މާދަމާއިން ފެށިގެން ކުރިއަށްގެންދާނީ މާފަންނު މަދަރުސާގައިކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މާފަންނު މަދަރުސާގައި ރިލީޒް ސާމްޕަލްނެގުން ކުރިއަށްދާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00އަށް ކަމަށެވެ.

ސާމްޕަލް ނަގަން މާފަންނު މަދަރުސާއަށް ދާންޖެހޭ މީހުންނަށް މެސެޖަކުން ނުވަތަ ގުޅައިގެން އަންގާނެކަމަށާއި، މިގޮތަށް ބަދަލުގެނައިނަމަވެސް ބަލިހާލަތަށް ބެލުމަށްފަހު ނުވަތަ އެނދުމަތިކުރެވިފައިވާ މީހެއްނަމަ އެމީހެއްގެ ސާމްޕަލްނަގަން އާރްއާރްޓީގެ ޓީމުތަކުންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހުޅުމާލެއާ ވިލިމާލޭގައި ރިލީޒް ސާމްޕަލް ނެގުމަށް ވަކި ތަނެއް އަދި ހަމަޖެހިފައި ނުވި ނަމަވެސް މިހާރުވެސް އާރުއާރުޓީ ޓީމުތަކުން ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ހުޅުމާލެއާއި ވިލިމާލޭގައި ރިލީޒް ސާމްޕަލް ނެގުމަށް ވަކި ތަނެއް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

"ރިލީޒް ސާމްޕަލްނަގަން އަޅުގަނޑުމެން ގުޅާނެ. ހެނދުނު ނުވަޔަކާ ރޭގަނޑު ނުވަޔަކާދޭތެރޭގައި މާޅޭގައި މާފަންނު މަދަރުސާއަށް ވަޑައިގެންނެވީމަ ސާމްޕަލް ނެގުމުގެ ކަންކަން ހަމަޖެހޭނެ. ދެން މިހެން ވަޑައިގަންނަވާއިރު ވަރަށް މުހިއްމުކަމެއް ޕަޕްލިކް ޓްރާންސްޕޯޓް ބޭނުންނުކުރުން. ހިނގާފައި ނުވަތަ ސައިކަލުގައި ވަޑައިގަތުން މުހިއްމު" ޑރ. ނަޒްލާ ވިިދާޅުވިއެވެ.

ބަލި ޖެހޭ މީހުންނާއި ދިމާވެ ކަރަންޓީނުގައި ބައިތިއްބާ މީހުން ސާމްޕަލް ނެގިނަމަވެސް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމުގެ މުހިއްމުކަން އެޗްއީއޯސީންވަނީ އިލްތިމާސްކުރައްވާފައެވެ.