ޚަބަރު

ކޯވިޑް-19 : ބަލިޖެހޭ ދިވެހިންގެ ނިސްބަތް އިންތިހާއަށް އިތުރުވެއްޖެ، ސަމާލުވޭ!


ރާއްޖޭގައި މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވިއިރު އޮތް ޙާލަތާއި ހަމައަށް އަރާފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީއިން ވަނީ މީގެ ކުރީގައި ބިދޭސީންގެ މެދުގައި ބަލިފެތުރޭ މައިގަނޑުތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްވެސް ކޮންޓެއިންމެންޓް ސައިޓެއް މިވަގުތު ރާއްޖޭގައި ނެތްކަމަށް ވިދާޅުވެފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ލުއި ދިނުމަށްފަހު ބަލީގެ އަލާމާތްތައް ފެންނަ މީހުން ގިނަ ވަމުން އަންނަކަމަށެވެ. އަދި ބަލިޖެހޭ ދިވެހިންގެ ނިސްބަތް ރިކޯޑް މިންވަރަކަށް އިތުރުވެ މިހާރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ޑރ. އަފްޒަލް ވަނީ ފާޙގަަކުރައްވާފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވިއިރު އޮތް ޙާލަތާއި ހަމައަށް އަރާފައިވާކަމަށެވެ. ޑރ. އަފްޒަލް ވަނީ ދިވެހިންގެ މެދުގައި ބަލީގެ ނުރައްކާތެރިކަމާމެދު ދެކޭގޮތް އެހާ ސީރިއަސް ނުވުމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ކޮންޓެކްޓްސް ގިނަވެ ކުދި ކްލަސްޓަރތައްވެސް އިތުރުވަމުންދާކަމަށެވެ.

"ސިމްޓޮމެޓިކް ކޭސްތައް މިހަރު މިވަނީ އިތުރުވާން ފަށާފައި. ރާއްޖޭގައި މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވެފައިވާއިރު އޮތް ޙާލަތާއި ހަމައަށް ވަނީ އަރާފަ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ބަލިޖެހޭ ދިވެހިންގެ އަދަދު އިތުރުވަމުންދާއިރު، ބަލިޖެހޭ ބިދޭސީންގެ އަދަދު މަދުވަމުންދާކަމަށެވެ. ރާއްޖޭގައި ދިވެހިނެކޭ އެއްވަރަށް ބިދޭސީންގެ ޙާލަތުވެސް ބަލަމުންދާކަން ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ ކުރިން ރާއްޖޭގައި ބިދޭސީން އުޅޭ ތަންތަނަކީ ބަލި ފެތުރޭ ތަންތަންކަމުގައި ފާހަގަކުރެވުނަސް މިވަގުތު މިފަދަ އެއްވެސް ތަނެއް ރާއްޖޭގައި ނެތްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިވަގުތު އެއްވެސް ކޮންޓެއިންމެންޓް ސައިޓެއްވެސް ނެތްކަމަށެވެ.

"ބިދޭސީންގެ ޙާލަތާއި ގުޅޭގޮތުން ވާހަކަދައްކާއިރު، ރާއްޖޭގައި ދިވެހިނެކޭ އެއްވަރަށް ބިދޭސީންގެ ޙާލަތުވެސް ބަލަމުން މިދަނީ. ބިދޭސީންގެ މެދުގައި ބަލިފެތުރޭ މައުގަނޑުތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްވެސް ކޮންޓެއިންމެންޓް ސައިޓެއް މިވަގުތު ރާއްޖޭގައި ނެތް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ނިސްބަތަށް ބަލާއިރު ދިވެހިންގެ އަދަދު ވަނީ 44 އިންސައްތައަށްވުރެ އިތުރުވެފައެވެ. މިއާއެކު ރާޢްޖެއިން މިހާތަނަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންނަށްވުރެ ދިވެހިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް 1488 ދިވެހިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ދެން އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްހެ މީހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1458 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރާޢްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދަކީ 1814އެވެ.

ރާއްޖެއިން މީގެ ކުރިން އެންމެ ގިނައިން މި ބަލި ޖެހެމުން އައީ ބަންގްލަދޭޝް މީހުންނަށެވެ. އެހެންނަމަވެސް މި ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު މިވަނީ ދިވެހިންގެ އަދަދު ބަންގްލަދޭޝް މީހުންނާ އަޅާބަލާއިރު 30 މީހުން އިތުރުވެފައެވެ.