ޚަބަރު

ސިންގަޕޫރުގެ ބޮޒުވަޒީރުގެ މަޤާމުން ދުރުވުމުގެ ވިސްނުމެއް ލީ ނުގެންގުޅުއްވާ


ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝެން ލޫންގް ރިޓަޔާ ކުރައްވަން ނިންމެވި ތާރީހު ފަސްކުރައްވައިފިއެވެ.

1959ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވެރިކަންކުރަނީ ބޮޑުވަޒީރު ލީގެ ޕީޕަލްސް އެކްޝަން ޕާޓީންނެވެ. މިމަހު އެ ޤައުމުގައި ބޭއްވި ޢާންމު އިންތިޙާބުވެސް ކާމިޔާބުކުރީ އެ ޕާޓީންނެވެ. އައު ސަރުކާރު އެކުލަވާލުމުގައި ކުރީގެ ވަޒީރުންގެ މަޖިލީހުގެ މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.

އުމުރުފުޅުން 68 އަހަރުގެ ލީވަނީ އުމުރުން 70 އަހަރު ފުރިވަޑައިގަތުމުން ބޮޑުވަޒީރުކަމުގެ މަޤާމު ދޫކުރައްވާ ސިޔާސީ ކަންކަމުން ދުރުވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. ވަޒީރުންގެ އައު މަޖިލިސް އިޢުލާނު ކުރެއްވުމަށްފަހު ބޮޑުވަޒީރު ލީ ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ޤައުމުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ބޭނުންފުޅުނުވާކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ރޭއްވެވިގޮތަށް އުމުރުން 70 އަހަރު ފުރިވަޑައިގަތުމުން މަޤާމު ދޫކޮށްލައްވަން ނިންމަވާފައިވާ ނިންމުން ފަސްކުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް އެގޮތަށް ނިންމާނީ ކޯވިޑް-19ގެ ސަބަބުން ޤައުމުގެ ޙާލަތަށް އަންނަ ބަދަލުތަކުގެ މައްޗަށް ބެލުމަށްފަހުކަމަށާއި މިވަގުތު ކުރިމަތިވެފައިވާ ޙާލަތުން އަރައިގަނެވެންދެން ބޮޑުވަޒީރުގެ މަޤާމުގައި ދެމި ހުންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލީ އަށްފަހު ބޮޑުވަޒީރުގެ މަޤާމަށް ދެން ވަޑައިގަންނަވާގޮތަށް އޮތީ ބޮޑުވަޒީރުގެ ނައިބު އަދި މާލީ ވަޒީރު ހެންގް ސުވީ ކީޓެވެ.