ޚަބަރު

މިއީ ކޯވިޑް-19 އަށް ދިން ލުއިތަކަށް ބަދަލުގެނެސް، ފިޔަވަޅުތައް ހަރުދަނާ ކުރަންވީ ވަގުތު - އެމްއާރުއެމް


މިވަގުތަކީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތުކަމުގައި އެމްއާރުއެމުން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ އެމްއާރުއެމުން މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ މިނިވަން ދުވަސް ދިވެހިން މިއަދު ފާހަނގަކުރަން ޖެހިފައިވަނީ މުޅި ދުނިޔޭގައި އޮތް ކޯވިޑް-19ގެ ބަލިމަޑު ކަމާއެކުގައިކަމަށެވެ. ބަލީގެ ނުރައްކާ އަނެއްކާވެސް ރާއްޖޭގައި ބޮޑުވެ، ބަލިޖެހޭ މީހުން އިތުރުވަމުންދާކަމަށާއި، އަދި އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމަށްވެސް މިހާލަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

"މިނިވަންދުވަސް އައިއިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޙާލަތާއި ގޮތެއް ނެތި އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފައިވާކަމަށެވެ. މިޙާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު." ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ބަޔާނުގައި ބުނެފައެވެ.

ކޯވިޑް-19ގެ ސަބަބުން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާއިރު، ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެންމެން ދެކި ފަރުދީ ޒިންމާ އަދާކުރުމަކީވެސް މިވަގުތު އިސްކަންދޭންޖެހޭކަމެއްކަމަށް ބުނެފައިވެއެވެ.

"މިއަދު މި ބަލީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ މިނިވަން ކަމަށް މިވަނީ ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައެވެ. މި ކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެނެވެ. ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޢަމަލު ކޮށްގެނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަން ޖެހޭ" އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ނެރުނު މިބަޔާނުގައި މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް އަލި އަޅުވާލާފައިވެއެވެ. ޚާއްސަކޮށް މިނިވަންކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތަށްވުރެ ބޮޑު މަސައްކަތެއް މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

"މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބަޔެއްގެ ބޮޑެތި ޤުރުބާނީތަކަކާއި ޙައްޤުތައް ޝާމިލުވާ ކަމެއްކަމުން، މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެކެވެ. ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މަސްއޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައެވެ. ހަމައެހެންމެ، އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހެއެވެ. އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީ" އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ދިވެހި ފަސްގަނޑަށް ލިބިފައިމިވާ މިނިވަންކަމުގެ ބޮޑު ނިޢުމަތް ދަމަހައްޓަވަން ކަމަރު ބަންނަވައިގެން ތިއްބެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ދިވެހި ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެޕާޓީންވަނީ ފޮނުވާފައެވެ.