އަމިއްލަ ޤައުމުގެ މަޞްލަޙަތުގެ އިތުރުން ރަހުމަތްތެރި ޤައުމުތަކުގެ މަސްލަޙަތު ތުރުކީވިލާތުން ދިފާޢުކޮށް، ރައްކާތެރިކޮށްދޭނެކަމަށް އެ ޤައުމުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އަމަސްޔާ ބެލްޓުވޭ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ ތުރުކީވިލާތުން އެހެން ބައެއްގެ ބިމަށް ނުވަތަ ވަޞީލަތްތަކަށް ދަހިވެތިނުވާކަމަށާއި އެ ޤައުމުގެ މަޞްލަޙަތަށް އެހެން ބައެއްގެ ނުފޫޒުފޯރުވުމަށް ޖާގަ ނުދޭނެކަމަށެވެ. އުރުދުޣާން ވިދާޅުވީ އެ ޤައުމާއި ރަހުމަތްތެރި ޤައުމުތަކުގެ ހައްޤުތަކާއި ޤާނޫނުތަކާއި މަޞްލަޙަތު އެ ޤައުމުން ރައްކާތެރިކޮށްދޭނެކަމަށެވެ. ތުރުކީވިލާތުން ގެންގުޅޭ އުޞޫލުތައް ދޫކޮށްލާ އެހެން ގޮތަކަށް ބޯލަނބާނެކަމަށް ހީކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް ނުރައްކަލަށް ތުރުކީވިލާތް ހުށަހެޅިފައިވާނަމަ އެއްވެސް ޖެހިލުމެއްނެތި ވަރުގަދަކަމާއި ހައިބަތު ދައްކައި އެ ޤައުމުގެ ޙައްޤުގައި މަސައްކަތްކޮށްފައިވާނެކަމަށެވެ.
އުރުދުޣާން އެ މޭރުމުން ވާހަކަދައްކަވާފައިވަނީ ސޫރިޔާ އަދި ލީބިޔާގެ ދާޚީލީ ހަނގުރާމައިގައި ތުރުކީވިލާތުން މިހުންމު ދަޢުރެއް އަދާކުރަމުންދާ ދަނޑިވަޅެއްގައެވެ.