ޚަބަރު

ދިވެހި ޑިޕްލޮމެޓިކް މިޝަންތަކުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުތަކުގައި ރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވާފައި ވަނީ އެޤައުމުތަކުގައި ތިއްބަވާ ދިވެހި ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތައް ހިންގެވުމާއި ވަގުތީ ގޮތުން އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ދިދަ ނަގާފައިވަނީ އެންމެ އިރުމަތިން ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި ރާއްޖޭގެ އެމްބަސީ، ހައިކޮމިޝަން އަދި ޕާމަނަންޓް މިޝަންތަކުގެ ވެރިންނާއި، މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކުން ބައިވެރިވެވަފައިވެއެވެ.

ރާއްޖެއިން ބޭރު 16 ޤައުމެއްގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ޤާއިމްކޮށްފައިވެއެވެ.