ޚަބަރު

މިނިވަންދުވަހާއި ގުޅުވައިގެން ޕީއެސްއެމްގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


މިނިވަން ދުވަހާއި ގުޅުވައިގެން ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދާއި، ޕީއެސްއެމްގެ އިސްވެރިންނާއި އެކި ޑިޕަރޓްމަންޓްތަކުން މުޢައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިދަނެގުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދިދަ ނަންގަވައިދެއްވީ، ޕީއެސްއެމްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ދެ ބޭފުޅުންކަމަށްވާ އާދަމް ލަތީފް (މެނޭޖަރ ޓެކްނިކަލް އޮޕަރޭޝަންސް) އަދި މުޙައްމަދު އާމިރު (ސީނިއަރ ލައިޓިންގ ޓެކްނިޝަން)އެވެ. މި ދެ ބޭފުޅުންނަކީ ޕީއެސްއެމްއަށް ދިގުމުއްދަކަށް ޚިދުމަތްކުރައްވައި، މަސައްކަތުން ރިޓަޔަރވުމަށް ގާތްވެފައިވާ ދެބޭފުޅުންނެވެ.

ޕީއެސްއެމްގެ މަސައްކަތާއި 1980 ވަނައަހަރު އާދަމް ލަތީފް ގުޅިވަޑައިގެން، ވޭތުވެދިޔަ 40 އަހަރު އެކި ދާއިރާތަކުން ވަނީ ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ޓީވީ ޓްރާންސްމިޝަން ޓެކްނިޝަނެއްގެ ގޮތުގަ އާއި، ސީނިއަރ މެއިންޓަނަންސް ޓެކްނީޝަނެއްގެ ގޮތުގަ އާއި އިންޖިއަރިންގައިވެސް މަސައްކަތްކުރައްވާފައިވެއެވެ. އާދަމް ލަތީފު މަޤާމުން ރިޓައަރކުރެއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

މުޙައްމަދު އާމިރު ޕަބްލިކް ސަރވިސް މީޑިއާ އާއި ގުޅިވަޑައިގަތީ 1992ވަނަ އަހަރުއެވެ. އާމިރު ޕީއެސްއެމް އާއި ގުޅިވަޑައިގެން މިހާތަނަށް ހޭދަވި 28އަހަރު މަސައްކަތްކުރައްވާފައިވަނީ ލައިޓިންގ ޓެކްނިޝަނެއްގެ ގޮތުގައެވެ. އާމިރު މަޤާމުން ރިޓަޔަރކުރަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު ޖަނަވަރީގައެވެ.

ޕީއެސް ނިއުސްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދުވަނީ މި ދެ ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި، ޕަބްލިކް ސަރވިސް މީޑިއާއަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރުއަދާކުރައްވާފައެވެ.

ދިވެހިންނަށް ފުރިހަމަ މިނިވަންކަމެއް ލިބުުނުތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވަނީ ޤައުމެއްގެ ދިދައިގެ އަގާއި މިނިވަންކަމުގެ އިޙްސާސްއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަލީ ޚާލިދް ވިދާޅުވި ދިދައިގެ ޚިޔަލުގައި ތިބެ ލިބޭ މިނިވަންކަމާއި އަމާންކަމާއި އެއްގޮތަށް، ވަކި ޤައުމެއް ބޯޑަރެއް ނުވަތަ ދިދައެއްގެ ދަށުގައި ތިބެގެން އުންމަތްތަކަށް ކުރިމަތިވި ހީނަރުކަމަކީވެސް މިފަދަ ދުވަސްތަކުގައި ހަނދާންކުރަންޖެހޭ ކަންތައްތައްކަމަށެވެ. މިއިން ކޮންމެ ޙާދިސާއަކުން ދޭހަވަނީ ދިދައިގެ ބާރުގަދަކަންކަން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"ކޮންމެ ދިދައެއްގެ ދަށުގައި އޮންނާނީ ލީޑަޝިޕެއް، އަދި އެ ލީޑަޝިޕެއް ހިންގޭނީ ފޮލޯވަރުން ތިބެގެން. ކާމިޔާބުވާނީ ތެދުވެރިކަމާއި އިޙްލާސްތެރިކަމާއިކު ކުރިއަށްގޮސްގެން. ލަނޑުދަނޑިތަށް ޙާސިލްކުރުމަށް މުއައްސާތަކުންވެސް މި ގޮތުގައި މަސައްކަތްކުރަންޖެހޭ." އަލީ ޚާލިދު ވިދާޅުވިއެވެ.

ޕީއެސްއެމްއިންވެސް ވަނީ ދިވެހި ހުރިހާ ލޮބިވެތި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަޙުނިޔާ ފޮނުވާފައެވެ،