ޚަބަރު

ކުދި ޤައުމްތަކަށް މުހިއްމު ރޯލެއް އަދާކުރެވިދާނެ- ދުންޔާ


ބައިނަލް އަޤްވާމީ މަސްރަހުގައި ކުދި ޤައުމްތަކުން މުހިއްމު ރޯލެއް
އަދާކުރެވިދާނެކަން ރާއްޖެއިން ދައްކާދީފައިވާ ކަމަށް ފޮރިން މިނިސްޓަރ ދުންޔާ
މައުމޫން ވިދާޅުވެއްޖެއެވެ.



މިނިސްޓަރ މިހެން ވިދާޅުވީ ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން
އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި
ބޭއްވި ހަފްލާއެއްގައި ބަައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައިއެވެ.



މިނިސްޓަރ ވަނީ ރައްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް
އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައި، އަދި މޫސުމަށް އަންނަ ބަދަލްތަކާއި،
އިންސާނީ ހައްޤުތައް ކުރިއަރުވައި ހިމާޔަތް ކުރުމުގައި ރާއްޖެއިން އަންނަނީ
މުހިއްމު ރޯލެއް އަދާކުރަމުން ކަމަށް ވިދާޅުވިއެވެ. 




މިނިސްޓަރ ދުންޔާ ޖަޕާނަށް ކުރައްވާ މިދަތުރުފުޅަކީ ޖަޕާނުގެ ބޮޑުވަޒީރު ހިޒް
އެކްސެލެންސީ މިސްޓަރ ޝިންޒޯ އަބޭގެ ދަޢުވަތަކަށް، ޖަޕާނުގައި ބޭއްވުމަށް
ހަމަޖެހިފައިވާ "ވާރލްޑް އެސެމްބްލީ ފޮރ ވިމެން 2015" ގައި
ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.



 މި އެސެމްބްލީގައި "ގާލްސް
އެޑިއުކޭޝަން" އާ ގުޅޭގޮތުން ބާއްވާ ޕެނަލްގެ ޕެނަލިސްޓެއްގެ ގޮތުގައި
މިނިސްޓަރ ދުންޔާ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަަމަޖެހިފައެވެ.



މިނިސްޓަރ ދުންޔާގެ މިދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރުގެ އަރިހަށް
އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.