ކުޅިވަރު

އަންނަ ސީޒަނަށް ލިބިފައިވަނީ ރަނގަޅު ސްކޮޑެއް: ކްލޮޕް


އަންނަ ސީޒަނަށް ލިވަޕޫލްގައި މިހާރު ވެސް އޮތީ ރަނގަޅު ސްކޮޑެއް ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން 30 އަހަރު ފަހުން މި ސީޒަނުގައި ލިވަޕޫލަށް ހޯދައިދިން ކޯޗު މިހެން ބުނީ އަންނަ ސީނުގައި ޓީމަށް އާ ކުޅުންތެރިން ހޯދާނެތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.

"އަހަރެންގެ ޓްރާންސްފާ ޕްލޭނާމެދު ވަކިއެއްޗެއް ބުނަން އެނގޭނީ އިތުރު ދިރާސާތަކަށް ފަހު. ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާމެދު އަހަރެން ހިތްހަމަޖެހޭ. މި ޓީމުގެ ހުރިހާ އެންމެނަކީ ވެސް އެއްވަރަކަށް ކަންކަމުގައި ޝާމިލްވާ މީހުން. އަހަރުމެންގެ ބޮޑު ސްކޮޑެއް އޮތުން މުހިންމެއްނޫން. މުހިންމީ ސްކޮޑުގް ކޮލިޓީ،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ލިވަޕޫލްގައި މިހާރު ވެސް ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި އެކުޅުންތެރިންނަށް ފުރަތަމަ ޓީމުން ފުރުސަތު ލިބުން މުހިންމު ކަމަށެވެ.

ޓްރާންސްފާ މާކެޓުގައި ހަރަކާތްތެރިވާންޖެހެނީ މިފަދަ ކަންކަން ދިރާސާކުރުމަށްފަހު ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށްވެސް ކޯޗު ބުންޏެވެ.

މި ސީޒަނުގައި ލިވަޕޫލްގައި ތިބި ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑަރު ލަލާނާ ދޫކޮށްލަންވަނީ ނިންމާފައެވެ. ފްރީ ޓްރާންސްފާއެއްގައި އޭނާ ގުޅޭނެ ކަމަށް ބެލެވެނީ ބްރައިޓަންއާއެވެ. ޑިފެންޑަރު ޑެޖާން ލޮވްރެން ވިއްކާލުމަށް ކުލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއާއެކު ނަޕޯލީގެ ޑިފެންޑަރު ކުލިބާލޭ އާއި ބަޔާން މިއުނިކްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ގަތުމަށް ލިވަޕޫލް މަސައްކަތް ކުރާ ކަމަށް އެ ދެކުލަބުން ވަނީ ބުނެފައެވެ.