ކުޅިވަރު

ގަދަ ހަތަރެއްގައި ނުހިމެނުމަކީ ވަރަށް ބޮޑު ދެރައެއް: ރޮޖާސް


އިނގިރޭސި ޕްރެމިއާ ލީގުގެ މި ސީޒަނުގެ ގަދަ ހަތަރެއްގައި ނުހިމެނުމަކީ ވަރަށް ބޮޑު ދެރައަކަށްވާނެ ކަމަށް ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފިއެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގެ އެންމެ ފަހު މެޗުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

މި މެޗަށް ނުކުންނައިރު 62 ޕޮއިންޓާއެކު ލެސްޓާ އޮތީ ފަސް ވަނައިގައެވެ. ޔުނައިޓެޑް އޮތީ 63 ޕޮއިންޓާއެކު ތިން ވަނައިގައެވެ. މިހެންވެ މެޗު ކާމިޔާބުކޮށްގެން ލެސްޓާއަށް ގަދަ ހަތަރެއް ކަށަވަރުކުރެވޭނެއެވެ.

2015 ވަނަ އަހަރު ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ފަހުން ލެސްޓާއަށް އަދި ގަދަ ހަތަރެއް ޔަގީންކުރެވިފައެއްނުވެއެވެ. ކޯޗު ރޮޖާސް ބުނީ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިއްޖެނަމަ ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށާއި އޭނާގެ ޓީމަށް ސީޒަނުގެ ފަހު މެޗުގެ ކުރިން ގަދަ ހަތަރެއް ޔަގީންކުރެވޭނެހާ ފުރުސަތު ލިބިއްޖެ ކަމަށެވެ.

"ހަގީގަތަކީ އަހަރުމެން ވަރަށް ގިނަ ޕޮއިންޓްތަކެއް ގެއްލުވާލައިފިން. އެހެންނޫނަމަ އަހަރުމެން ތިބޭނީ މި މެޗުގެ ކުރިން ގަދަ ހަތަރެއް ޔަގީންކޮށްގެން. އަހަރުމެންގެ ޓީމުގައި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ގަދަ ހަތަރެއް ނުލިބުނަސް އަންނަ ސީޒަނާ އަހަރުމެން ކުރިމަތިލާނީ އެކަންކަން ރަނގަޅުކޮށްގެން،" ކުރިން ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާސް ބުންޏެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ މާޒީއާ މެދު ކުޅުންތެރިން ވިސްނަންޖެހޭ ކަމަށާއި އެކުލަލުގެ ކާމިޔާބު މާޒީއަކީ މި މެޗުގައި ކުޅުންތެރިން ކޮންމެހެން މޮޅުވާންޖެހޭ ސަބަބެއް ކަމަށެވެ.