ޚަބަރު

ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ނުހައްދަވާ: ރައީސް


ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ނަހައްދަވާ ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއި އެކުގައި މަސައްކަތްކުރަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޙާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލުތު ތަފާތުވުންތަކެއް ހުރި ކަމުގައި ވީނަމަވެސް ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެންގެ މަޝްވަރާ އާއި އެކުގައި ކަންކަން ކުރުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތްކަމަށެވެ.

ޤައުމުގެ އެތެރޭގައި ހިނގާ ކަންކަމުގައި ސިޔާސީ ވާދަވެރިކަން އިންތިހާއަށްބޮޑުވެ، ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައިވެސް ސިޔާސީ ވާދަވެރިކަން އިސްކުރުމަކީ ޤައުމަށް ފައިދާވާނެ ކަންކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސިޔާސީ ފިކުރު ތަފާތުވި ކަމުގައި ވީނަމަވެސް އެންމެން ގުޅިގެން އެކުގައި މަޝްވަރާކޮށް ކަންކަމުގައި ހައްލު ހޯދުމަކީ ޤައުމަށްވެސް ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭ ގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ވާހަކަ. ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއްނޫން. އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް، މުޅި ޤައުމަށް. ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ބައްޓަންކުރުމުގައިވެސް އެންމެ އިސްކަމެއް ދެއްވާފައިވާނީ މަލްޓި ޕާޓީ ޑިމޮކްރަސީގެ ތެރެއިން ޤައުމު ކަންކަން ކުރިއަށް ގެންދިއުމުގައިވެސް ސިޔާސީ ވާދަވެރި ފަރާތްތަކުގެ އަޑުއަހައިގެން ކުރިޔަށްދިޔުމަށެވެ. އަދި މިފަދަ މަޝްވަރާ އާއި އެކުގައި މަސައްކަތް ކުރުމަށް އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މިދެންނެވި އަސާސްގެ މަތީގައި، މަލްޓި ޕްރިޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ޤައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލްވާ ގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް. ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުހަބާ ކިޔާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި އެކު އެންމެން ގުޅިގެން އެއްބައިވަންތަކާއި މެދު މަސައްކަތް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލާފައެވެ. އަދި މިހާލަތަކީ ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި މަސްތަގުބަލަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަނީ ވަގުތުކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.