ދުނިޔޭގެ ވިޔަފާރި

ޒޫމްވެސް އިންޑިޔާއާ ދިމާލަށް!


ޒޫމް ސޮފްޓްވެއަރ އޮޕަރޭޓްކުރާ ޒޫމް ވީޑިއޯ ކޮމިއުނިކޭޝަން ކުންފުނިން އިންޑިއާގައި ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ފަހަތުން ޒޫމްވެސް އިންޑިޔާއާ ދިމާލަށް މިސްރާބު ޖަހާފައި މިވަނީ އިންޑިޔާގެ ޑިޖިޓަލް މާކެޓް ކުރިއަރައި، ފުޅާވަމުންދާ ދަނޑިވަޅެއްގައެވެ.

ޒޫމްއިން ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގައި ހުރި ޒޫމްގެ ޑޭޓާ ސެންޓަރުތައް އިތުރުކޮށް، މުވައްޒަފުންގެ އަދަދު އިތުރުކުރާނެއެވެ. މިގޮތުން މުމްބާއީގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު 3 ގުނަ އިތުރުކުރާއިރު، ބެންގަލޯރއާއި ހައިދަރްއާބާދުގައި އިތުރު ޑޭޓާ ސެންޓަރުތައް ޤާއިމްކުރާނެކަމަށް ޒޫމް ވީޑިއޯ ކޮމިއުނިކޭޝަން ކުންފުނިން ބުނެއެވެ.

ޒޫމްގެ ވިޔަފާރި އިންޑިއާގައި ފުޅާކުރަން ނިންމި މައިގަނޑު ސަބަބަކީ އިންޑިއާގައި ޒޫމް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީމަހާއި އޭޕްރީލްމަހާ ދެމެދު އިންޑިއާގައި ޒޫމް ބޭނުންކުރާ މީހުންގެ އަދަދު 6700 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކޯވިޑްގެ ސަބަބުން ގިނަ މީހުން ޖަމާވެގެން ބައްދަލުވުންތައް ބޭއްވުން ހުއްޓާލުމަށްފަހު އޮންލައިން ބައްދަލުވުންތައް ބާއްވަން ފެށިފަހުން ޒޫމް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހު ޒޫމް ބޭނުންކުރަމުންދިޔަ މީހުންގެ އަދަދު 10 މިލިއަންގައި އުޅުނުއިރު، މިދިޔަ އޭޕްރީލްމަސް ނިމުނުއިރު، އެއަދަދު އުޅެނީ 300 މިލިއަންގައެވެ.

އިންޑިއާގައި ޒޫމްގެ ވިޔަފާރި ފުޅާވެގެންދިޔަސް، އެކުންފުނީގެ ބޮޑު މާކެޓެއްކަމަށްވާ، ޗައިނާގައި ޒޫމްގެ މުސްތަޤްބަލާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ކުންފުންޏަކަށްވެ ހުރެ ޗައިނާއާއެކު ބާއްވަމުންދާ ގުޅުމުގެ ސަބަބުން، ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގައި ޒޫމްއަށްވެސް ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ.

ޒޫމްގެ އިތުރުން އެމެރިކާގެ ގިނަ ޓެކްނޮލޮޖީ ކުންފުނިތަކަކުން ދަނީ އިންޑިއާގައި އިންވެސްޓްކުރަމުންނެވެ. އެކުންފުނިތަކުގެ ތެރޭގައި ފޭސްބުކް، ގޫގުލް، އެމެޒޯން އަދި މައިކްރޯސޮފްޓްފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. އަދި މިކުންފުނިތަކުން މިއަހަރުގެ މިހާތަނަށް 20 ބިލިއަނެއްހާ ޑޮލަރު ވަނީ އިންޑިއާގައި އިންވެސްޓްކޮށްފައެވެ.