ޚަބަރު

ކޯވިޑް-19 : މިއަދު 77 މީހުން ޕޮޒިޓިވްވެއްޖެ


އިތުރު 77 މީހުން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 3252 އަށް އިތުރުވެއްޖެއެވެ.

އައްޑޫ ސިޓީއާ ފުވައްމުލައްސިޓީގެ އިތުރުން އިހަވަންދޫގައި ކޯޥިޑް19 އަށް ފަރުވާދޭ ފެސިލިޓީތަށް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ޢަމީން ވިދާޅުވީ ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުން ގިނަވާން ފަށާފައިވާއިރު، މިއަދު އެކަނިވެސް 77 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލިޖެހުނު މީހުންގެ ޖުމަލް ޢަދަދު 3252އަށް އިތުރުވެފައިވާކަމަށެވެ.

ބަލިހުރިތޯ ދެނެގަތުމަށް މިހާތަނަށް ހަތްދިހަ އެއްހާހަށްވުރެގިނަ ސާމްޕަލްނަގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިބަލިޖެހުނު މީހުންގެތެރެއިން މިހާތަނަށް 2534 ރަނގަޅުވެފައިވާއިރު، މިއަދު 36 މީހުން ބަލިން ރަނގަޅުވިކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޚާއްސަކޮށް މާލެ ސަރަހައްދުން ބަލީގެ ކޭސްތައް ފެނުން އިތުރުވެފައިވާއިރު ހުރިހާ ފަރާތަކުންވެސް އިތުރަށް ސަމާލުވެރައްކާތެރިވާން ޖެހިފައިވާކަމަށެވެ.