ޚަބަރު

ޔުނާންގެ ދަރިފުޅު އަމްރިތާ ހޮސްޕިޓަލަށް ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައި: އާސަންދަ


ފިލްމީ ތަރި މުޙައްމަދު ޔުނާންގެ ދަރިފުޅުގެ ފަރުވާއަށް އާސަންދަ ހަމަޖައްސައި ދީފައިވާކަމަށާއި، އަމްރިތާ ހޮސްޕިޓަލަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން މިކަން ހާމަކޮށްފައި ވަނީ، ފިލްމީތަރި ޔުނާން އާއި އޭނާގެ އަންހެނުން ދަރިފުޅު ގޮވައިގެން މުލިއާ ގޭދޮށަށް ގޮސް އެކަން ސަމާލުކަމަށް އައުމާއި ގުޅިގެންނެވެ.

އާސަންދައިން ވިދާޅުވީ ތުއްތުކުއްޖާގެ ބެލެނިވެރިން ބޭނުންވަނީ ތުއްތު ކުއްޖާގެ ފަރުވާއަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދާންކަމަށެވެ. އެހެންނަމަވެސް އެހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެފަރާތްތައް ވަކިން ކަރަންޓީންކޮށްފައިވާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތައް ވަކިން އެކަހެރިކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގައި އިތުރަށް ކަރަންޓިންކޮށް ފަރުވާ ދެވޭނެ ޖާގަ ނެތްކަމަށް އެހޮސްޕިޓަލާއި ޙަވާލާދީ އާސަންދައިން ވިދާޅުވެއެވެ.

އާސަންދައިން ވިދާޅުވީ ބުދަ ދުވަހު ފުރާ ބެޗުގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ކުއްޖާ ފޮނުވުމަށް ހަމަޖެހިފައިވާއިރު ތުއްތު ކުއްޖާގެ ބެލެނިވެރިން އެގޮތް ބޭނުންނުވާތީ އަމްރިތާ ހޮސްޕިޓަލަށް ދެން ފޮނުވާ ބެޗެއްގައި އެއްކުއްޖާ ފޮނުވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް އެތުއްތުކުއްޖާ ވަކިންވެސް އަމްރިތާ ހޮސްޕިޓަލަށް ފޮނުވޭތޯ މަސައްކަތް އާސަންދައިން މަސައްކަތްކޮށްފައިވާ ކަމަށެވެ، އަދި މިހާރު، ބުދަދުވަހު ފުރާ ފްލައިޓުން ކިމްސް ހޮސްޕިޓަލަށް ގޮސް އެހޮސްޕިޓަލުން އަމްރިތާ ހޮސްޕިޓަލަށް ކުއްޖާ ގެންދެވޭނެ އިންތިޒާމްވެސް ހަމަޖައްސައިދީފައިވާ ކަމުގައި އާސަންދައިން ވިދާޅުވެއެވެ.


އިންޑިއާ ފުރަބަންދުކޮށްފައި ވާއިރު، އެޤައުމަށް ދިވެހިން ބޭސްފަރުވާއަށް ގެންދަނީ އެޤައުމުން ދިވެހިރާއްޖެއަށް ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.