ޚަބަރު

ތަހްގީގަށް ނަޝީދުގެ އާއިލާއިން އެއްބާރުލުމެއް ނުދޭ- ފުލުހުން


ކުރީގެ ރައީސް ނަޝީދުގެ ޖަލު ހުކުމް، ގޭ ބަންދަށް ބަދަލުކޮށްފައިވާކަމަށް ބުނާ ލިޔުމުގެ މައްސަލަ ތަހްޤީޤްކުރުމަށް ނަޝީދުގެ އާއިލާއިން އެއްބާރުލުން ނުދޭކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން މިކަން ހާމަކުރީ، ނަޝީދުގެ އަނބިކަނބަލުންގެ ގެކޮޅު މާފަންނު ޔާގޫތުގެއަށް ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ވަދެ ބަލާފާސްކުރުމަށް ހިންގި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ރައީސް ނަޝީދު ދިރިއުޅުއްވާ ޔާގޫތުގެއަށް ރޭ ކޯޓު އަމުރެއްގެ ދަށުންގޮސް ފުލުހުން އެ ގެ ބަލައި ފާސްކުރަން ޖެހުނީ،ނަޝީދަށް އިއްވާފައިވާ ޖަލުހުކުމް ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވާތީ އެމައްސަލަ އިތުރަށް ތަހްޤީޤްކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށްކަމަށެވެ. ގޭބަންދަށް ބަދަލު ކުރިކަމަށް ބުނާ ލިޔުމުގެ އަސްލާއި އެލިޔުން ހިފައިގެން ދިޔަކަމަށް ބުނާ މީހާގެ ވީޑިއޯ ފުޓޭޖް ހޯދުމަށް އާއިލާގެ ކިބައިން ފުލުހުން އެދުނުކަމަށާއި، ނަމަވެސް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން ނުދޭކަމަށް ހަމްދޫން ވިދާޅުވިއެވެ. އަދި ފުލުހުން ހޯދަން ބޭނުންވި ލިޔުމުގެ އަސްލު ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް ނަޝީދުގެ އާއިލާއިން ބުނެފައިވާކަމަށްވެސް ހަމްދޫން ވިދާޅުވި. ފުލުހުން ބުނީ މިހާތަނަށް ލިބިފައިވަނީ އެލިޔުމުގެ ސްކޭން ކޮޕީއެއްކަމަށެވެ. އަދި މި ލިޔުމުގެ ސައްހަކަމާމެދު ވަކި އެއްޗެއް ބުނަން އެނގޭނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ފުލުހުންނަށް ހަވާލުކުރި ތަކެއްޗާއި، ފުލުހުންގެ އެއްކޮށްފައިވާ ހެކިތަކުގެ ފޮރެންސިކް ތަހުލީލުތަކުގެ ނަތީޖާ ލިބުމުންކަމަށްވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމްދޫން ވިދާޅުވިއެވެ.ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމް ގޭ ބަންދަށް ބަދަލުކޮށްފައިވާކަމަށް ބުނެ ކަރެކްޝަނަލް ސަރވިސްއިން ދިންކަމަށް ބުނާ ލިޔުމާއި ކަރެކްޝަނަލް ސަރިވިސްއިން އާއްމުކޮށް ދޫކުރާ އެފަދަ ލިޔުންތަކާއި ތަފާތުކަމަށާއި، އެއީ ސައްހަ އެއްޗެއް ނޫންކަމަށް ކަރެކްޝަނަލް ސަރވިސްއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.