ހަތިޔާރު ފޯރުކޮށްދިނުން މަނާކުރާ އެއްބަސްވުމާ ޚިލާފަށް ރަޝިޔާއިން ލީބިޔާއަށް އަސްކަރީ ސާމާނު ފޯރުކޮށްދޭކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.
އދން ބަލައިގަނެފައިވާ ލީބިޔާގެ ސަރުކާރުކަމަށްވާ ގަވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއާއި އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއާ ދެމެދު ފާއިތުވި ދުވަސްތަކުގައި ވަރުގަދަ ޙަމަލާތަކެއްވަނީ ބަދަލުކޮށްފައެވެ. ޖީއެންއޭއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ ތުރުކީވިލާތުންނެވެ. ރަޝިޔާއާއި މިޞްރާއި ޔޫއޭއީއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ.
ރަޝިޔާއިން ލީބިޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭކަމަށް އެމެރިކާއިން ތުހުމަތުކޮށްފައިވަނީ ހަމަނުޖެހުންތައް ހުއްޓާލުމަށް ޙަމަލާ ބަދަލުކުރުން ހުއްޓާލަންޖެހޭކަމަށް ތުރުކީވިލާތާއި ރަޝިޔާއިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ އެފުރިކާ ކޮމާންޑު، އެފްރިކޮމުން ބުނީ ލީބިޔާގައި ތިބި ރަޝިޔާގެ ކުލީ ސިފައިންނަށް އެ ޤައުމުން ހަތިޔާރު ފޯރުކޮށްދޭކަމަށް ސެޓެލައިޓު ފޮޓޯއިން ދައްކާކަމަށެވެ. އެފްރިކޮމުން ބުނީ ލީބިޔާގައި ބާރު ގަދަކުރަން ރަޝިޔާއިން މަސައްކަތްކުރަމުންދާކަމަށެވެ.
ރަޝިޔާގެ ވައިގެ ދިފާޢީ ހަތިޔާރު ލީބިޔާގައި ހުރިކަމަށާއި އެފަދަ ހަތިޔާރު ބޭނުންކުރަނީ ރަޝިޔާއަށް ނިސްބަތްވާ ކުލީ ސިފައިންގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަމަށްވާ ވެގުނާ ގުރޫޕުންކަމަށް އެމެރިކާއިން ބުނެއެވެ. ވެގުނާ ގުރޫޕުން މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ހަތިޔާރުއެޅި އުޅަނދުފަހަރުގެ ފޮޓޯތައް ލިބިފައިވާކަމަށާއި ލީބިޔާގައި ހުރި ހަތިޔާރަކީ ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ދިނުމަށް ބެނުންކުރެވޭނެ ހަތިޔާރުތަކެއްކަމަށް އެމެރިކާއިން ބުނެއެވެ. އެލްއެންއޭގެ ބާރުގެ ދަށުގައި އޮތް ސިރުތަށްވެސް ގިނަ ޢަދަދެއްގެ ހަތިޔާރު ރަޝިޔާއިން ފޮނުވަމުންދާކަމަށް އެމެރިކާއިން ބުންޏެވެ.
މެއި މަހުގެ ތެރޭގައި ލީކުވި އެމެރިކާގެ ރިޕޯޓެއްގައި ބުނީ ވެގިނާ ގުރޫޕުން ކުލީ ސިފައިންގެ 1،200 މީހުން އެލްއެންއޭއަށް ވާގިވެރިވުމަށް ރަޝިޔާއިން ފޮނުވާފައިވާކަމަށެވެ. އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ 57 ޞަފުހާގެ ރިޕޯޓުގައި ބުނެފައިވަނީ ލީބިޔާއަށް ފޮނުވާފައިވާ ކުލީ ސިފައިންނަކީ އަސްކަރީ ޙަމަލާތަކަށް ޚާއްޞަ ހަނގުރާމަވެރިންކަމަށެވެ.
2018ވަނަ އަހަރުގެ އޮގަސްޓުމަހާއި 2019ވަނަ އަހަރުގެ އޮގަސްޓުމަހާ ދޭތެރޭގައި ވެގުނާ ގުރޫޕާ ގުޅުންހުރި 24އަށްވުރެ ގިނަ މަތިންދާބޯޓު ރަޝިޔާއިން ލީބިޔާއަށް ދަތުރުކޮށްފައިވާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ލީބިޔާގައި ޙަރަކާތްތެރިވަމުންދާކަމަށް ބެލެވޭ ވެގުނާ ގުރޫޕުގެ 122 ހަނގުރާމަވެރިންނާބެހޭ މަޢުލޫމާތުވެސް އެ ރިޕޯޓުގައިވަނީ ހިމަނާފައެވެ. ނަމަވެސް ރަޝިޔާއިންނާއި އެލްއެންއޭއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންވަނީ ލީބިޔާގައި ޙަރަކާތްތެރިވާ ރަޝިޔާގެ ހަނގުރާމަވެރިންނަކީ އެ ޤައުމު ތަމްޞީލުކުރާ ބައެއް ނޫންކަމަށާއި އެކަމަށް އެ ޤައުމުގެ ސަރުކާރުން ޚަރަދުކޮށްފައިނުވާނެކަމަށް ވިދާޅުވެފައެވެ.