ޚަބަރު

ކޯވިޑް-19: ހުޅުމާލޭ ހޮސްޕިޓަލުގައިއޮތް މާބަނޑު މީހަކު ޕޮޒިޓިވްވެއްޖެ


ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޯވިޑް-19އަށް ޕޮސިޓިވްވެއްޖެއެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މިކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ނަމަވެސް މި މީހާއަށް ކޯވީޑް-19ޖެހުނީ ހޮސްޕިޓަލްގައި އެޑްމިޓްކުރިފަހުންކަން ނުވަތަ ނޫންކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް އެ ހޮސްޕިޓަލުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އައިޖީއެމްއެޗުންވެސް ދާދިފަހުންވަނީ ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެ ހޮސްޕިޓަލްގެ މުއައްޒަފުންތަކަކާއި، ބަލި މީހުންތަކެއްވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ.

ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މި ބަލިން ރައްކާތެރިވުމަށްޓަކައި އާންމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ހާމަކުރައްވާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.