ވިޔަފާރި

ޓާކިޝް އެއަރލައިންގެ ޙާއްސަ ޕެސެންޖަރ ފްލައިޓްތަކެއް ރާއްޖެއަށް


ޓާކިޝް އެއަރލައިންގެ ޙާއްސަ ޕެސެންޖަރ ޕްލައިޓްތަކެއް ރާއްޖެއަށް ފަށައިފިއެވެ.

ޓާކިޝް އެއަރލައިންގެ ޕެސެންޖަރ ދަތުރުތަކުގެ ފުރަތަމަ ޕްލައިޓް ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އަދި ދެވަނަ ދަތުރު ރާއްޖެއަށް ކުރާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

މި ދަތުރުތައް ރާއްޖެއަށްކޮށްފައި ވަނީ ޓުރުކީގެ އިސްތަންބޫލުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ޓާކިޝް އެއަރލައިނުން ރާއްޖެއަށް މިފެށި ޕެސެންޖަރ ފްލައިޓްގައި ރާއްޖެ އައިސްފައިވަނީ އެ ޤައުމުގެ ފަތުރުވެރިންނެވެ.

ޓާކިޝް އެއަރލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓް އެކްސްޕަޑައިޓް މޯލްޑިވްސްއިން ބުނީ މިއީ ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކުރިން އަޖުމަ ބެލުމަށް ފެށި ދަތުރުތަކެއްކަމަށެވެ. ޓާކިޝް އެއަރލައިންގެ ޝެޑިއުލް ފްލައިޓްތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

ކޯވިޑް19 އާއި ގުޅިގެން ޓާކިޝް އެއަރލައިނުން މީގެކުރިން ވަނީ ރާއްޖެއަށް ކާގޯ ދަތުރުތަކެއްވެސް ކޮށްފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް ގިނަ ސިއްހީ ސާމާނު ގެނެސްފައިވާއިރު، ރާއްޖެއިން ގިނަ އަދަދެއްގެ މަސްވެސް ވަނީ އެކްސްޕޯޓްކޮށްފައެވެ.

އެކްސްޕަޑައިޓު މޯލްޑިވްސްއިން ބުނީ އެ އެއަރލައިންގެ ކާގޯ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާވެރިންނަށް މުދާ ގެނައުމުގައި ފަސޭހަވެގެން ގޮސްފައިވާކަމަށެވެ. އަދި ޔޫރަޕާއި، އެމެރިކާ އާއި މެދުއިރުމަތީގެ ހިސާބުތަކަށް މުދާ އެކްސްޕޯޓުކުރުމަށާއި އެހިސާބުތަކުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އާއި ސިއްޙީ ސާމާނުތައް ގެނައުމަށްވެސް ލުއިގޮތްތަކެއް ފަހިވެގެންދިޔަކަމަށް އެކްސްޕަޑައިޓު މޯލްޑިވްސްއިން ބުނެއެވެ.