ކުޅިވަރު

މައްސަލަ ހައްލުކުރަން ލަމްޕާޑް ދަސްކުރަންޖެހޭ: ކްލޮޕް


ޗެލްސީ އާއި ލިވަޕޫލް ބުދަ ދުވެހުގެ ރޭ ކުޅުނު މެޗުގައި ހިނގައިދިޔަ ކަންކަން ހައްލުކުރަން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ދަސްކުރަންޖެހޭ ކަމަށް ޗެމްޕިއަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ޗެލްސީ 3-5 އިން ބަލިވި މެޗުގެ ދެ ވަނަ ގޯލު ލިވަޕޫލުން ޖެހުމާއެކު ލަމްޕާޑު ހޫނުވީ ލިވަޕޫލްގެ ބެންޗުގައި ތިބި އޮފިޝަލުން އުފާފާޅު ކުރި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. އަދި އެވަގުތު އޭނާ ވަނީ ބޭއަދަބީ ބަސްތަކެއް ވެސް ބޭނުންކޮށް، ބަދަލު ރެފްރީއަށް ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. ނަމަވެސް ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ އޭނާގެ ޓީމާއެކު ލަމްޕާޑަށް ވެސް މަޑުމައިތިރިވުމަށް އަންގައި މައްސަލަ ފިނިކޮށްފައެވެ.

"ލަމްޕާޑު ހުރީ ވަރަށް ވާދަވެރި ރޫހެއްގައި. އެކަމަށް އަހަރެން ފުރިހަމައަށް އިހްތިރާމްކުރަން. އެކަމަކު އޭނާ ޖެހޭ އެފަދަ ވަގުތުތަކުގައި ދިމާވާ ކަންކަން ހައްލު ކުރަން ދަސްކުރަން. މެޗަށް ފަހު އޭނާ ވަނީ މެޗުތެރޭގައި ހިނގައިދިޔަ ކަންކަމާ މައްސަލަ ޖައްސާފައި. އަހަރެން ދެކޭ ގޮތުގައި ރެފްރީގެ ފަހު ކަށިގަނޑާއެކު އިތުރު މައްސަލައެއް ޖައްސާނެ ކަމެއްނެތް،" ކްލޮޕް ބުންޏެވެ.

މި މައްސަލާގައި ލަމްޕާޑު ވެސް ވަނީ ފަހުން މަޢާފަށް އެދިފައެވެ. އޭނާ ބުނީ ބެންޗުގައިހުރެ އިދިކޮޅު ޓީމުގެ އޮފިޝަލުންނާ ދެމެދު އޭނާ އަށް ގޯސްތަކެއް ހެދުނު ކަމަށާއި އެމަންޒަރުތައް ޝޯޝަލް މީޑިޔާގައި އާއްމުވުމުން ދެރަވާ ކަމަށެވެ.

"އަހަރެންގެ އެބަތިބި ބޮޑުވަމުން އަންނަ ދެ އަންހެންކުދިން. އެމީހުން ވެސް ސޯޝަލް މީޑިޔާގައި އުޅޭ. މިފަދަ ކަންކަން ސޯޝަލް މީޑިޔާގައި އާއްމުވުމުން އަހަރެން ދެރަވަން،" ލަމްޕާޑު ބުންޏެވެ.