ކުޅިވަރު

ޕްރެމިއާ ލީގު ފަށާނީ ސެޕްޓެމްބަރު 12 ގައި


އަންނަ ސީޒަނުގެ ޕްރެމިއާ ލީގު ފަށާނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ކަމަށް ޕްރެމިއާ ލީގުން ނިންމައިފިއެވެ.

މި ގޮތަށް ނިންމިއިރު ކޯވިޑް19ގެ ސަބަބުން 100 ދުވަހަށް ސަސްޕެންޑްކޮށްފައި އޮތް ލީގު ނިމޭނީ މާދަމާއެވެ. އަލަށް ފަށާ ލީގު ނިންމަން ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 23ގައެވެ.

ގާތްގަނޑަކަށް ދޮޅު މަހުގެ ބްރޭކަކަށް ފަހު ޕްރެމިއާ ލީގު އަލުން ފަށަން ނިންމާފައިވާއިރު ބައެއް ޓީމުތަކުގެ މެޗުތައް ފަސްކުރުމަށް ވެސް ދަނީ މަޝްވަރާކުރަމުންނެވެ. އެއީ އަންނަ މަހު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި އިނގިރޭސި ބައެއް ޓީމުތައް ކުޅެންޖެހޭތީއެވެ.

ޕްރެމިއާ ލީގުން ބުނީ މިކަމާމެދު ގޮތެއް ނިންމުމަށް މިހާރު މަޝްވަރާކުރަމުންދިޔަ ނަމަވެސް އަދި ވަކި ގޮތެއް ނިމިފައިނުވާ ކަމަށެވެ.

ޕްރެމިއާ ލީގުގައި 20 ޓީމު ހިމެނޭއިރު އަންނަ ސީޒަނުގައި އަލަށް ފެނިގެންދާނެ ދެ ޓީމަކީ ލީޑްސް ޔުނައިޓެޑާއި ވެސްޓްބްރޮމްއެވެ. މި ދެ ޓީމު ޕްރޮމޯޓްވެފައިވާއިރު ނޯވިޗް ސިޓީ ވަނީ ރެލިގޭޓްވެފައެވެ. ލީގުން ދެން ރެލިގޭޓްވާނެ ދެ ޓީމެއް ޔަގީންވާނީ މާދަމާގެ ފަހު މެޗުތަކަށްފަހުއެވެ.

ޕްރެމިއާ ލީގުގެ މި ސީޒަނުގެ ޗެމްޕިއަން ޓީމަކީ ލިވަޕޫލެވެ. އެ ޓީމުން ލީގު ކާމިޔާބުކުރީ 30 އަހަރަށްފަހުއެވެ.