ވިޔަފާރި

ވިޔަފާރިކުރާ ތަންތަނުގައި މާސްކު އަޅަން ޔޫކޭގައި މަޖުބޫރުކޮށްފި


ވިޔަފާރިކުރާ ތަންތަނުގައި މާސްކު އަޅަން އިނގިރޭސިވިލާތުގައި މަޖުބޫރުކޮށްފިއެވެ.

މާސްކު އަޅަން އިނގިރޭސި ސަރުކާރުން މަޖުބޫރުކޮށްފައިވާއިރު މިއީ ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުން އަވަސްކުރުމަށް އަޅާ ފިޔަވަޅެއްކަމަށް އިނގިރޭސި އޮފިޝަލުން ބުނެއެވެ.

އިނގިރޭސިވިލާތުގައި އަލަށް އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އާއްމު ފިހާރަ، ސުޕަރމާކެޓް، ޝޮޕިންގ ސެންޓަރުތަކާއި ބެންކުތައް އަދި ޓްރާންސްޕޯޓް ހަބްތަކުގައި މާސްކު އަޅަން މަޖުބޫރުވާނެއެވެ. އަދި އަލަށް އެޅި ފިޔަވަޅުތަކަށް ތަބާނުވާ ފަރާތްތައް 100 ޕައުންޑުން ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ އޮފިޝަލުން ޤަބޫލުކުރާ ގޮތުގައި ސަރުކާރުގެ ފިޔަވަޅުތައް ރައްޔިތުން ބަލައިގަންނާނެއެވެ. އަދި ބައެއް ވިޔަފާރިތަކުން ވަނީ މާސްކު ނާޅާނަމަ ޚިދުމަތް ނުދޭނެކަމަށް ބުނެފައެވެ. ނަމަވެސް ބައެއް ވިޔަފާރިތަކުން ބުނީ މާސްކު އަޅަން ވިޔަފާރިތަކުން މަޖުބޫރު ނުކުރާނޭކަމަށެވެ. އަދި ޤަވާއިދުތައް ތަންފީޒުކުރަން ޖެހޭނީ ކަމާބެހޭ ފަރާތްތަކުންކަމަށްވެސް ބޮޑެތި ވިޔަފާރިތައް ހިންގާ ފަރާތްތަކުން ބުނެއެވެ.

މާސްކު ނާޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އިނގިރޭސި ފުލުހުންނަށް ދީފައި އޮތަސް، ބައެއް ސަރަޙައްދުތަކުގެ ފުލުހުން ބުނީ، މާސްކު ނާޅާ މީހަކާމެދު ފިޔަވަޅެއް އަޅާނީ އިތުރު ގޮތެއް ނެތް ޙާލަތުގައިކަމަށެވެ. އެހެންކަމުން ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމުގައި އާއްމު ފަރުދުންގެ ޒިންމާ ބޮޑުކަމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ އޮފިޝަލުން ބުނެއެވެ.