ޚަބަރު

"ލޮނުޒިޔާރަތް ބަގީޗާ"އަށް ކުޑަކުޑަ އިންތިޒާރެއް


ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކުރާ ޕާކު މިހަފްތާގެ ތެރޭގައި އާއްމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ޕާކަށް ނަންދީފައިވަނީ "ލޮނުޒިޔާރަތް ބަގީޗާ"ގެ ނަމުންނެވެ. ޕާކު ތަރައްޤީކޮށްފަވަނީ އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމަނައިގެން ބަގީޗާ ކޮންސެޕްޓަށެވެ.

ލޮނުޒިޔާރަށްކޮޅުގައި ޕާކެއް ތައްޔާރުކުރުމަށް ސިޓީކައުންސިލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅުއެވެ. ބްރިޖްގެ މަސައްކަތަށްފަހު، ކޮންސްޓްރަކްޝަން ސައިޓެއްގައިގޮތުގައި އޮތް އެ ސަރަޙައްދު ސާފުކޮށް، ޕާކެއްގެ ސިފަ ގެނުއުމުގެ މަސައްކަތްފެށީ އަހަރުގެ މެދުތެރޭގައެވެ.

ހުސް ވެލި ބިމެއްގެ ގޮތުގައި އޮތް އެ ސަރަޙައްދު، ފެހިކޮށް ތަރައްޤީކޮށް މިހާރުވަނީ މާލޭގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ދިގުމުއްދަތެއްވަންދެން ބަންދުކޮށްފައި އޮތް އެ ސަރަޙައްދު، ތިމާވެށްޓާއި ރައްޓެހި ހިތްގައިމު ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށް، އާންމުންނަށް އެތަން ހުޅުވާލު މިހާރުވަނީ އާއްމުން އެތަންތަނުން ހިތްފަސޭހަކަން ލިބުމަށް ދޫކޮށްލަން ތައްޔާރުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ޕާކުގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. ފެހި ގަސްތަކާއި މާބަގީޗާތައް ހިމެނޭހެން ތަރައްޤީކޮށްފައިވާ މި ހިތްފަސޭހަ ޕާކު މި މަސް ނިމުގެ ކުރިން އާއްމުންނަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

"ބޮޑެތި މަސައްކަތްތައް މުޅިިން ނިންމައި މިހާރު ހަމަ ފިނިޝިންގ މަސައްކަތްތައް ދަނީ. ދަވާދު ލުމާއި ތަކެތި އެތުރުންފަދަ ކަންކަން ކުރިއަށްދަނީ. މިތަން ވެގެންދާނީ ރާޅުގެ އަޑުއިވޭ ސާފުވައިލިބޭ، ގުދުރަތީ އިޙުސާތަށް ގެނުވާނެ ތަނަކަށް." ޝަމާއު ވިދާޅުވިއެވެ..

ޕާކުގައި ޕޮންޑަކާއި، ޕޮންޑް ހުރަސްކުރެވޭގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑު(ހިލް)އެއްވެސް ހިމެނެއެވެ. އަދި ރާޅާ އަޅާ ކުދިންނަށް ބޭނުންވާ ގަރޓް ޕޯސްޓް ބޮޑުކޮށް، އަލުން މަރަމާތުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޕާކު ތަރައްޤީކޮށްފައިވަނީ އާއްމުންނަށް އިށީއިނދެ ތިބުމަށް ޚާއްޞަ 300އަށްވުރެ ގިނަ ބެންޏާއި، ކުޑަކުދިންނަށް ޚާއްސަ ބައިސްކަލު ދުއްވާ ލޭނަކާއި، ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭގޮތަށް ތައްޔާރުކޮށްފައިވާ ލޭނެއްވެސް ހިމެނޭގޮތަށެވެ. އަދި މީގެއިތުރަށް ޕާކުގެ ވަކި ސަރަޙައްދެއް ކަސްރަތުކުރާ މީހުންނަށްވެސްވަނީ ޚާއްސަކޮށްފައެވެ.

"ޑިސޭބަލް ކުދިންނަށްވެސް ފަސޭހައިން ފުރުޅުލީ ގޮންޑީގަވެސް އުޅެވޭގޮތަށް ވޯކްވޭތައްވެސް ހަދާފައިވާނީ 12 ފާހަނަހުރިއިރު އެފަދަ ކުދިންނަށް ފަސޭހައިން ބޭނުންކުރެވޭނެ. އަދި 300އަށްވުރެ ގިނަ ބެންޗާއި، 2 ހޮށުއަށި އަދި އުނދޯލިވެސް ހިމެނޭ." ސިޓީ ކައުންސިލްގެ މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިޓީކައުންސިލުން ވިދާޅުވީ ޕާކުގެތެރޭގައި ކާބޯތަކެތި ލިބޭނެހެން ފުޑް އައުޓްލެޓްތައް ހެދުމުގެ ވިސްނުން މިވަގުތު ނެތްކަމަށާއި، ބޭނުންވަނީ އެ ސަރަޙައްދުގައި ޚިދުމަތްދޭ ވިޔަފާރިތަކަށް މިކަމުން ފައިދާއެއް ކުރުންކަމަށެވެ.

ނަމަވެސް ޕާކާއި ގުޅޭހެން ވަށައިގެން ހުރި ބިންތައް، ޕާކުގެ ބައެއްގެ ގޮތުގައި އިތުރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިިވާކަމަށް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.