ޚަބަރު

މި އަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފި


ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ތަޙުޤީގު ކުރުމަށް ފަހު މި އަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަޚުލާޤީ އަދި އިދާރީ ކުށްތައް ބެލުމަށް އުފައްދާފައިވާ ޕްރޮފެޝަނަލް ސްޓޭޑަޑްސް ކޮމާންޑުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފުލުހުންނާ ގުޅޭ އެކިކަހަލަ 97 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ޤަވައިދާ ޚިލާފުވުމުގެ މައްސަލަތަކާއި އިހުމާލުވުމާއި ބަދުއަޚުލާގީ މައްސަލަތަކުގެ އިތުރުން މަޤާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތަކެވެ. މިގޮތުން ޤަވައިދާ ޚިލާފް ވުމުގެ 18 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ބަދުއަޚުލާގީ މައްސަލައާއި މަޤާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ 10 މައްސަލައައެއް މިއހަރު ވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅާފައެވެ. މީގެ އިތުރުން އިހުމާލުވުމުގެ 15 މައްސަލައެއްވެސް މިއަހރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން 18 މީހަކާމެދު ފިޔަވަޅު ވަނީ އަޅައިފައެވެ. ފިޔަވަޅު އަޅާފައިވާ މީހުންގެ ތެރެއިން ބަދުއަޚުލާގީ މައްސަލަތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި ޤަވައިދާ ޚިލާފުވުމާއި ފުލުހެއްގެ ގައިގާ ހުންނަން ޖެހޭ އަޚުލާގީ މިންގަނޑުތަކާ ޚިލާފުވެފައިވާ މީހުންވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ވަޒީފާއިން ވަކިކުރުމުގެ އިތުރުން ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި ރޭންކުވެސް ވަނީ ދަށްކޮށްފައެވެ. އަދި ޚާއްސަ ތަމްރީނު ފުރިހަމަކުރުވުމާއި ކައިރިން ސުޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާކުރަން ޖެހުން ފަދަ ފިޔަވަޅުތައް ވަނީ މިފަދަ ފުލުހުންނާމެދު އަޅާފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2016ވަނަ އަހަރުން ފެށިގެން މިއަހަރުގެ މަހާތަނަށް ބަލާނަމަ ފުލުހުންނާގުޅޭ މައްސަލަތައް އެންމެ ގިނައިން ހުށައަޅާފައި ވަނީ 2017 ވަނަ އހަރުއެވެ. އެއަހަރު ޖުމުލަ 141 މައްސަލައެއް ހުށައަޅާފައެވެ. އަދި 58 ފުލުހަކާމެދު ވަނީ ފިޔަވަޅު އަޅާފައެވެ. މިދިޔަ އަހރު ފުލުހުންނާ ގުޅޭ 128 މައްސަލައެއް ހުށައަޅާފައިވާއިރު 40 ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.